ENGLISH

22 އޭޕްރީލު 2025

Advertisement

މައުލޫމާތު ނުދިން މައްސަލައިގައި މިނިސްޓްރީއާއި ފުލުހުން ހާޒިރުކުރަނީ

18 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުން (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް އެދިވަޑައިގެންނެވި މައުލޫމާތު ފޮނުއްވާފައި ނުވާ މައްސަލައިގައި, އެ ދެ މުއައްސަސާގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހާޒިރުކުރެއްވުމަށް މިއަދު ނިންމަވައިފި އެވެ.

މިގޮތަށް މެމްބަރުން ނިންމެވީ، އެ މައުލޫމާތު ހޯއްދަވަން އެދިވަޑައިގެންނެވިތާ 6 މަސް ފާއިތުވެގެންދިޔައިރުވެސް  މުއައްސަސާތަކުން މަޢުލޫމާތު ފޮނުއްވާފައިނުވުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް ތަބާނުވުމުގެ އަމަލެއް ކަމަށް ވިދާޅުވެ މެމްބަރު މުޙަައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ އާ ގުޅިގެންނެވެ. 

މި މައްސަލައާ މެދު މަޝްވަރާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މަޖިލީހުގެ މެމްބަރަކު އެދިވަޑައިގެންނެވި މައުލޫމާތެއް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ކޮމިޓީގެ ނައިބު މުޤައްރިރު، އަދި ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޙުސެއިން ޝަރީފް ވިދާޅުވީ މެމްބަރެއްގެ އިމްތިޔާޒަކަށް އަރައިގަތުމަކީ ރައްޔިތުންގެ އިމްތިޔާޒުތަކަށްވެސް އަރައިގަތުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މަޖިލީސް މެމްބަރުންގެ މަސައްކަތްތައް މުޅިންވެސް ބިނާވަނީ ރައްޔިތުންގެ މަސްލަހަތު އެކުލެވިގެންވާ ކަންކަމުގެ މައްޗަށް ކަމުގައިވާތީ ކަމަށެވެ. 

"އަޅުގަނޑު މީގަ އެންމެ ކަންބޮޑުވާކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދައުލަތުގެ މުއައްސަސާއަކަށް ސިޓީއެއް ލާފަ މިހާ ދުވަސްވެ ޖަވާބެއް ނުލިބި ދިޔައީމަ އަޅުގަނޑުމެން ހުރިހާ މެމްބަރުންގެ ވެސް ކަންބޮޑުވުމެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ހިނގާށޭ އާއްމު އާދައިގެ ރައްޔިތަކު  ދައުލަތުގެ އެހެން މުއައްސާއަކަށް ސިޓީއެއް ލައިފިއްޔާ ދެން ނަގާނެހާ މުއްދަތު." މެމްބަރު ކަންބޮޑުވުމާއެކު ވިދާޅުވި އެވެ.

މެމްބަރު ހުސެއިނަށް ފަހު ވާހަކަދެއްކެވި މަޑަވެލީ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބައްލަވަން ހޯމް މިނިސްޓްރީއާއި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށެވެ.

ވަޒީރު ނުވަތަ ހޯމް މިނިސްޓްރީގެ ބޭފުޅުންތަކެއް ކޮމިޓީއަށް ހާޒިރުކޮށް، ހާޒިރުކުރަންޖެހޭނެ ސަބަބަކީ މިކަން ހިނގާފައިވާ ގޮތަކީ ވަރަށް ފުންކޮށް އަޅުގަނޑުމެން ބަލަންޖެހޭ އެއްޗެއް. ސިޓީއަކަށް ވުރެ ވެސް ބޮޑަށް އަޅުގަނޑު މިހާރު ބަލަން ބޭނުންވަނީ ކިހިނެއްވެގެންތޯ، ކޮންމެވެސް ކަހަލަ އެއް ޖަވާބެއް ދެވެންޖެހޭނެ" ޝަމީޒް ވިދާޅުވި އެވެ.

ޝަމީޒްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގެވެ. ދެ މުއައްސަސާގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ފާސްވީ ބައްދަލުވުމަށް ވަަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި ބުނާގޮތުން، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި ފޮނުވަން އެދިފައިވާ މައުލޫމާތެއް ނުފޮނުއްވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ، އޭނާއަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއްކަމުގައި ބެލެވޭނެ ކަމަށް ވެސް އެ ޤާނޫނުގައި ބުނެފައިވެ އެވެ.

މި ކުށުގެ އަދަބަކީ ގާނޫނުގައި ބުނާގޮތުން، 1000 ރުފިޔާއާއި 3،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 މަސް ދުވަހާއި 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. .

ކިޔުންތެރިންގެ ހިޔާލު