ENGLISH
22 އޭޕްރީލު 2025
މަޢުލޫމާތު ހަމަކޮށްފައި ހުށަހެޅުމުން ދެ ހަފުތާ ތެރޭ ބޭރުގައި ތިބޭ ދަރިވަރުންނަށް ފައިސާ ދޫކުރަން: ޑރ.ހައިދަރު
18 ފެބްރުއަރީ 2025
|
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު، ފޮޓޯ: ރައީސް އޮފީސް
ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ދެ ހަފުތާ ތެރޭގައި ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ.ހައިދަރު ވިދާޅުވީ ގިނަ ފަހަރު ދަރިވަރުންނަށް ފައިސާ ލިބުން ލަސްވުމަށް މެދުވެރިވަނީ ފައިސާ ހޯދުމަށް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުކުރެވިގެން ކަމަށެވެ. އޭގެ އިތުރަށް ފައިސާ ބޭނުންވާ މުއްދަތާ މާ ކައިރިކޮށްފައި ފައިސާ ހޯދުމަށް ހުށަހެޅުމަކީވެސް ފައިސާ ހަމަޖެހުން ލަސްވުމަށް މެދުވެރިވާ ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ ގިނަ ފަހަރަށް (ފައިސާ ލިބުން) ލަސްވާންޖެހޭ ސަބަބަކީ ލިބެންވާ މަޢުލޫމާތު، ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުވެގެން. ދެން އަނެއް ކަމަކީ ތަންކޮޅެއް ދުރާލައި ކަމަކަށް އެދިގެން. އެހެންވީމާ ވާގޮތަކީ ޑެޑްލައިނެއް ހަމަވާން ކައިރިވާން މާ ކައިރިވެފައި އޮއްވައި ހުށަހަޅައިފިކަމުގައިވާނަމަ އަޅުގަނޑުމެންނަށް މި ޕްރޮސެސިންގަައި މައުލޫމާތު ސާފުކޮށް ޕްރިޮސެސިންގައި އެނަގާ ވަގުތު، އަޅުގަނޑުމެން މިނިސްޓްރީން ފައިނޭންސިންއަށް ފޮނުވައިގެން ރިލީސްކުރަނީ. އެެހެންވީމާ އެ ހުރިހާ ކަމަކަށް ނަގާ ވަގުތު (ހޭދަވޭ)،" މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.ހައިދަރު ވިދާޅުވީ އެގޮތަށް ސުންގަޑި ކައިރިވެފައިވަނިކޮށް ފައިސާ ހޯދުމަށް ހުށަހެޅުމުން އެ ސުންގަޑިއަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި، ސަަބަބަކީ ފައިސާ ދޫކުރުމުގެ ކުރިން މިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކެއް އަދި ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ހުންނާތީ ކަމަށެވެ. ނަމަވެސް މަޢުލޫމާތު ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ފައިސާ ހޯދަން ހުށަހަޅައިފިނަމަ ހަފުތާއެއް ތެރޭގައި ނުވަތަ ގިނަވެގެން ދެ ހަފުތާ ތެރޭގައި ފައިސާ ދޫކުރައްވަމުންދާކަމަށް ޑރ.ހައިދަރު ވިދާޅުވިއެވެ.
"އެހުރިހާ މަޢުލޫމާތުތަކާއި އެއްޗެހި ހަމައަށް ހުރިއްޔާ އަޅުގަނޑު ދަންނަވާނީ ހަފުތާއެއް، އެންމެ ގިނަވެގެން ދެ ހަފުތާ ތެރޭގައި ފައިނޭންސް މިނިސްޓްރީ ތުރޫކޮށް ފައިސާ ދޫކުރުން އަޅުގަނޑުމެންނަށް ޕްރޮސެސްކުރެވޭނޭ އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ކަނޑައެޅިގެން ވަކި މުއްދަތެއް ފައިސާ ދޫކުރުމަށް މިނިސްޓްރީން އިޢުލާނުކޮށްފައި ނެތްނަމަވެސް މަޢުލޫމާތު ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުން ހަފުތާއެއް ދެ ހަފުތާއެއް ތެރޭގައި މިނިސްޓްރީން ޢާންމުކޮށް ފައިސާ ދޫކުރައްވާ ކަމަށެވެ.
މިނިސްޓްރީގެ ފަރާތުން ކޮމިޓީގައި ވާހަކަދެއްކެވި މަރިޔަމް މުޙައްމަދު ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނާއި ލޯނާއި ސްކޮލާޝިޕު ފައިސާ ދޫކުރައްވަމުންގެންދަވަނީ އަހަރެއްގެ މައްޗަށް ދެ ބަޔަކަށް ބައްސައިވެގެން ކަމަށެވެ. ލޯނު އެހީގައި ކިޔަވާ ދަރިވަރުންނަށް ފުރަތަމަ ޕޭމެންޓުގައި ޓިއުޝަން ފީއާއި ހަ މަސްދުވަހުގެ ސްޓައިޕެންޑު ދޫކުރާއިރު، ދެވަނަ ބުރުގައި ދޫކުރާނީ ބާކީ ހަ މަހުގެ ސްޓައިޕެންޑުކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރައީސް ސްކޮލާޝިޕާއި އެހެނިހެން ސްކޮލާޝިޕުތަކުގައި ކިޔަވާ ދަރިވަރުންނަށް އެކުދިންގެ ޓިއުޝަން ފީ ދޫކުރައްވަނީ ޔުނިވަސިޓީން އިންވޮއިސް ލިބުމުންކަމަށާއި، އަހަރަކު ދެ ފަހަރަށް ލިވިން އެލަވެންސް އެކުދިންނަށް ޖަމާކުރައްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.