ENGLISH
07 ޖުލައި 2025
މަސައްކަތް މިކުރަނީ ރިއަލްޓައިމްގައި ކަސްޓަމަރުންނަށް ބިލުކުރެވޭތޯ: ސްޓެލްކޯ
18 ފެބްރުއަރީ 2025
|
ކަރަންޓް ބިލުތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭކަމަށާއި އެކަން ހައްލުކުރުމުގެ ގޮތުން ރިއަލް ޓައިމްގައި ކަސްޓަމަރުންނަށް ބިލުކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދް ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނާޝިދް ވިދާޅުވީ، އަބަދުވެސް ރީޑިންގ ނެގުމާއި ބިލް ޑެލިވަރ ކުރުމުގައި ވަގުތުކޮޅެއް ނަގާކަމަށާއި، އެއީ ޒަމާނުއްސުރެ މި ޕްރޮސެސްތެރޭ އުޅޭ ދަތިކަމެއް ކަމަށެވެ. އެގޮތުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިގަނެ، ޓެސްޓްތަކެއް ކުރެވިފައިވާކަމަށާއި މި ފެބްރުއަރީ މަހުގެ ނިޔަލަށް ސްމާޓު މީޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އަންނާނެކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ރޯދަމަސް ނިމުނުހާ އަވަހަކަށް ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާޝިދް ވިދާޅުވީ، ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓް ނިމޭއިރު ކަސްޓަމަރުންނަށް ކޮންމެ ފަނަރަ މިނެޓަކުން ކަރަންޓު ބޭނުންކުރެވިފައިހުރި މިންވަރު ބަލައިލެވޭނެކަމަށާއި މިކަމުގެ ސަބަބުން ކަރަންޓް ބިލް ކުރުމުގައި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމަށެވެ.
ނާޝިދް ވިދާޅުވީ، މާލެ ސަރަހައްދުގައި އިމާރާތަކުން ނުވަތަ އެނޫންވެސް ތަނަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ ނަމަ ނުވަތަ ކަރަންޓުގެ މައްސަލައެއް އުޅޭނަމަ ސްޓެލްކޯގެ ނަންބަރު 104 އަށް ގުޅައި އެ މައްސަލައެއް ހިއްސާކުރުމުން ސްޓެލްކޯއިން އެކަމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އަދި އަތޮޅުތެރޭގެ ރަށްރަށުގައި އެރަށެއްގައި ހުންނަ އިންޖީނުގެއަށް ގުޅޭނެކަން ފާހަގަކުރައްވައި ނާޝިދު ވިދާޅުވީ ކަރަންޓުގެ މައްސަލައެއް ރޭގަނޑު ދަންވަރު ވަގުތެއްގައި ދިމާޔިޔަސް ސްޓެލްކޯގެ އިލެކްޓްރިޝަނެއް އެ މައްސަލައެއް ދިމާވި ތަނަކަށް ގޮސް މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.
އެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެންނެވި ސްޓެލްކޯގެ އިންޖިނިއަރު އިސްމާޢީލް ނިޝާރު ވިދާޅުވީ ހަކަތައާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ސެޝަންތަކެއް އެ ކުންފުނިން ކުރިއަށްގެންދަވާ ކަމަށެވެ. މި ސެޝަންތަކުގައި އެ ކުންފުނީގެ ކަރަންޓުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، ކުންފުނިން ބިލުތައް ތައްޔާރުކުރާ ގޮތް ތަފުޞީލުކޮށް ވިދާޅުވެދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ހޭލުންތެރިކަން އިތުރުކުރުމުގެ މި ސެޝަންތައް ކުރިއަށްގެންދަވާއިރު ކަރަންޓު އިޤުތިޞާދު ކުރެވޭނެ ގޮތްތަކާ ގުޅޭ މަޢުލޫމާތުވެސް މި ސެޝަންތަކުގައި އެ ކުންފުނިން ދެއްވާކަމަށް ނިޝާރު ވިދާޅުވިއެވެ.