ENGLISH

22 އޭޕްރީލު 2025

Advertisement

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިޞްލާޙުގެ މައްސަލަ ކުރިއަށްގެންދަވަން ސުޕްރީމް ކޯޓުން ނިންމަވައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ މެންބަަރަކު ޕާޓީ ބަދަލުކުރައްވައިފިނަމަ ނުވަތަ ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި އިޞްލާޙު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަވަން ނިންމަވައިފިއެވެ. 

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުމުން ނުވަތަަ  ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި އިޞްލާޙު ބާޠިލުކުރެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ  މެންބަރު ޢަލީ ޙުސައިނެވެ. 

އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފެށުމާއެކު ދައުލަތުންވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެއްލެވޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ އިޖުރާއީ އިޢުތިރާޒެއް ހުށަހަޅުއްވާފައެވެ. ދައުލަތުން ދެކެވަޑައިގަންނަވާ ގޮތުގައިި ޤާނޫނުއަސާސީއަށް މަޖިލީހުން ގެންނަ އިޞްލާޙެއްގައި އިޖުރާއީ މައްސަލައެއް ނެތްނަމަ އެ އިޞްލާޙެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެއެވެ. 

ދައުލަތް ތަމްސީލުކުރައްވާ ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓަށް ބެލޭނީ ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތަކާއި ޤާނޫނެއް، ނުވަތަ ޤަވާޢިދެއް ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަންޏެވެ. 

މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވަނީ އެ އިޢުތިރާޒާމެދު މައްސަލަ ނިންމަވާއިރު ގޮތެއް ނިންމެވުމަށެވެ. އެ ނިންމެވުމާ ގުޅިގެން ދައުލަތުން އެދިވަޑައިގަތީ އެ އިޢުތިރާޒާމެދު ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލައި އަންގަވައިދެއްވެން އޮތްނަމަ ކުރިއާލައި އަންގަވައިދެއްވުމަށެވެ. ނަމަވެސް އެކަމުގައި ފަނޑިޔާރުން ގޮތެއް ނިންމަވާފައިނުވެއެވެ. 

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށްދާއިރު މި މައްސަލައިގަ ދެ ފަރާތުން ގެންދަވަނީ ޤާނޫނީ ބަޙުސްތައް ހުށަހަޅުއްވަމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެންދަވަނީ އެ ބަޙުސްތަކާމެދު ދެ ޚަޞްމުންނާ ގިނަ ސުވާލުތަކެއް ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު