ENGLISH
22 އޭޕްރީލު 2025
ޑަބްލިއުޑީސީތަކަށް ރޯދަ އެލަވަންސް ދޭން މަޖިލީހުން ފާސްކުރައްވައިފި
18 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ އދ. ދަގަނެތި ކައުންސިލްއާ ބައްދަލު ކުރައްވަނީ: އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނގެތީގައި ވާހަކަފުޅު ދައްކަވަމުން. --ފޮޓޯ: ރައީސް އޮފީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް 'ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ' ބިލު ފާސްކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަޒު ޒަމީރު މިދިޔަ ހަފްތާގައި ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި އެ ބިލު ފާސްކުރެއްވުމަށް 72 މެމްބަރުން ވޯޓު ދެއްވި އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިތުރަށް ތަފްސީލުކޮށްދޭ މި ބިލުގައި އެ ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް މުހިއްމު އިސްލާހުތަކެއް ހިމަނުއްވާފައިވެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ކޮންމެ މަހަކު އުޖޫރައިގެ ގޮތުގައި އެލަވަންސެއް ލިބެ އެވެ. ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އޮންނަ އެ ވަޒީފާއަށް އެލަވަންސް ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީންނެވެ. އެހެންވެ، ވަޒީފާގެ ޤާނޫނުގެ ދަށުން ލިބޭ ޗުއްޓީތަކާއި ރޯދަ އެލަވަންސާއި ބޭންކުތަކުން ލޯނު ނެގުން ފަދަ ފުރުސަތެއް އެބޭފުޅުންނަށް ނުލިބެ އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ހުށަހަޅުއްވާފައިވާ މި ބިލުގައި ހިމަނުއްވާފައިވާ އެންމެ މުހިއްމު އެއް އިސްލާހަކީ ޑަބްލިއުޑީސީގެ މެމްބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރޯދަ އެލަވަންސް ނުލިބޭ މެމްބަރުންނަށް އެ އެލަވަންސް ލިބޭ ގޮތް ހަމަޖެއްސެވުމެވެ.
އެބޭފުޅުންނަށް ބޭންކުތަކުން ލޯނު ނުނެގޭ މައްސަލައަށް ހައްލެއް ގެންނެވުމަށް ވެސް އިސްލާހެއް މި ބިލުގައި ހިމަނުއްވާފައިވެއެވެ. އެ އިސްލާހުގައި އޮތީ ފިނޭންސް މިނިސްޓްރީން އުޖޫރައެއް ކަނޑައެޅުމުގެ ބަދަލުގައި އެލްޖީއޭގެ ލަފާއާއެކު ނެޝަނަލް ޕޭ ކޮމިޝަނުން އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ.
ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ ޢަދަދުގެ މަދުވެގެން 5 އިންސައްތަ ޚާއްސަކުރަންޖެހޭ ކަމަށް މިހާރުވެސް ލާމަރުކަޒީ ޤާނޫނުގައި އޮވެ އެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ، އެ ފައިސާ ކޮމިޓީތަކަށް ދޫކުރުމާ ގުޅޭ ކަންކަން ތަފްސީލުކޮށްފަ އެވެ.
ބިލުގައި ބުނެފައިވަނީ، ކޮމިޓީން އެ އަހަރު ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ދެ ކުއަރޓާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ބޭނުންވާނެ ފައިސާ 30 ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭނެ ކަމަށާއި ދެން ހުރި ފައިސާ ދެން ހުރި ކުއަރޓަރތަކުގެ ހަރަކާތްތަކަށް އެލްޖީއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހަވާލުކުރަންޖެހޭނެ ކަމަށެވެ.
އެ ފައިސާ ކޮމިޓީތަކާ ހަވާލުކުރުމަކީ ހުރިހާ ކައުންސިލަކަށް ވެސް ކުރުން ލާޒިމްކަމެއް ކަމަށް ކަނޑައަޅާފައިވާއިރު ފައިސާ ހަވާލުކުރަމުންދާ ގޮތަށް އެލްޖީއޭއިން ފާރަވެރިވާންޖެހެ އެވެ.