ENGLISH

22 އޭޕްރީލު 2025

Advertisement

ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީސް މެމްބަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުން ތަމްރީނުކުރުމަށް އައިޔޫއެމްއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: އައިޔޫއެމް.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީސް މެމްބަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމުގައި ކިޔަވައިދޭން ހަމަޖެހިފައިވަނީ އެއް އަހަރުދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެޑްވާންސްޑް ސެޓިފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ. މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލަރޒް ޑިގްރީ ޕްރޮގްރާމެއް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިޔޫއެމްއިން މައުލޫމާތު ދެއްވައެވެ.

އައިޔޫއެމްގެ އިސްވެރީންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ މިފަދަ ޕްރޮގްރާމެއް ހިންގައިދެއްވުމަށް އެދިވަގައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއް ކަމުގައި ހެއްދެވުމެވެ. އަދި މިކަމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހާއިމެދު ރައީސުލްޖުމްހޫރިއްޔާގެވެސް ވަރަށް ބޮޑު އުންމީދުފުޅެއްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އައިޔޫއެމް ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓޭޝަން އެންޑް ފައިނޭންސް، އަލްފާޟިލް އަޙްމަދު އަމީން މުޙައްމަދު ވަނީ އައިޔޫއެމްއަށް މިފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯސް ކުރިއަށްދާނީ އެމްކިއުއޭގެ އިތުރުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފެންވަރު ކަށަވަރުކުރުމުގެ މިންގަންޑުތަކާއި އެއްގޮތަށްކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. 

މީގެ އިތުރަށް، ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑެމިކް އެފެއަރޒް، ޑރ. ޢާއިޝަތު ވަޙީދާއާއި ރެޖިސްޓްރަރ އަލްފާޟިލް އަޙްމަދު ރައޫފް ޢަބްދުﷲ ވަނީ ދަރިވަރުން ސަމާލުކަންދޭންޖެހޭނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު