ENGLISH

22 އޭޕްރީލު 2025

Advertisement

އިސްރަށްވެހިންގެ ތަޖުރިބާއިން ފައިދާ ލިބިގަަތުމަށް ދަރިވަރުންނަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

17 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިސްރަށްވެހީންގެ ކިބައިން މައުލޫމާތާއި ހުނަރާއި ތަޖުރިބާ ހިއްސާ ކުރުމުގެ ފައިދާ ލިބިގަތުމަށް އަދުގެ ކިޔަވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފިއެވެ.

މެޑަމް ސާޖިދާ މުޙައްމަދު މިފަދައިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްރަށްވެހިންގެ ތަޖުރިބާތަކާއި ދުނިޔެއިން ދެކެވަޑައިގެންނެވި ކަންކަމާއި ތަންތަނުގެ މައުލޫމާތު ޒުވާންކުދިންނަށް ފޯރުކޮށްދީ ކިޔައިދިނުމުގެ ސަބަބުން ޒުވާން ކުދިންގެ އިތުބާރު އިތުރުވެ، ބަސްތެރިކަން ކުރިއަރައި، މައުލޫމާތު ފުންވާނެ ކަމުގައި މެޑަމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިފަދަ މަރުކަޒުތަކެއް އިސްރަށްވެހީންނަށް ޚާއްޞަކޮށް ޤާއިމުކޮށްދެއްވަން ނިންމަވައި، އެކަން ޙަޤީޤަތަކަށް ހެއްދެވުމުން ދިވެހީންގެ އިޖްތިމާޢީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަމާއި، ދުވަސްވީ އިސްރަށްވެހީންގެ އަގުވަޒަން ކުރައްވަން ސަރުކާރުން ދެއްވާ ސަމާލުކަން ފެނިގެންދާ ކަމުގައި މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. 

އިސްރަށްވެހިންގެ ނާދީއަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މަރުކަޒުތަކެއް ތަރައްޤީކޮށް އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން މިދިޔަ އަހަރު ރައީސުލްޖުމްހޫރިިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވެވި މަރުކަޒެކެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ އާއިޝަތު ޝިހާމް ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމްކުރުމަށް އެ ވުޒާރާގެ ފަރާތުން ކައުންސިލުތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އަދި ކައުންސިލުތަކުން މިކަމަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާތަނަށް 60 އަށް ވުރެ ގިނަ ކައުންސިލުން މިކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އިސްރަށްވެހިންގެ ނާދީގެ ލޯގޯ އަދި މެމްބަރޝިޕް ކާޑު ތަޢާރަފްކޮށްފައިވެއެވެ. 

އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު މި މަރުކަޒުގެ މެމްބަރުންގެ ގޮތުގައި 200 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު