ENGLISH

11 އޭޕްރީލު 2025

Advertisement

ކުޅިވަރު ތަރައްޤީ ކުރުމަށް ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުމުގައި އެޅި މުހިންމު ފިޔަވަޅެއް: ވަޒީރު ރާފިޢު

17 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ

ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމުގެ އިތުރުން ޗައިނާއާ އެކު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ އައު ބާބެއްގެ ފެށުން ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސިއަލް ބިއުރޯ އޮފް ސްޕޯޓްސްއާ ދެމެދު އެއްއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް، ޑޮންގ ޖިންސޮންގ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވަޒީރު ރާފިޢު ވިދާޅުވީ، މޯލްޑިވްސް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭން ތަންފީޒުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އެމްއޯޔޫގެ ސަބަބުން އެ ޕްލޭންގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލަށްޓަކައި އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައިގައި ވަނީ، މި އެއްބަސްވުމުގެ ތެރެއިން، ރާއްޖޭގެ ސްޕޯޓްސް މެޑިސިންގ، އެންޓި ޑޯޕިންގ އިނިޝިއޭޓިވް، އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުން ފަދަ މުހިއްމު ދާއިރާތަކަށް އަމާޒުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު އަބްދުﷲ ރާފިޢު ވާހަކަފުޅު ދައްކަވަނީ.  --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ

މި އެއްބަސްވުމުގެ ސަބަބުން، ކޯޗިންގ އެކްސްޗޭންޖް ޕްރޮގްރާމްތަކަށާއި، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދެ ފަރާތުން ބައިވެރިވުމަށާއި، އަދި ކުޅިވަރު ތަމްރީނު ކޭމްޕްތައް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ދެ ޤައުމުގެ ކުޅުންތެރިންނާއި ޕްރޮފެޝަނަލުންގެ ހުނަރާއި މަޢުލޫމާތު އިތުރުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މީގެއިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއްބާރުލުންދީގެން، ކުޅިވަރު ތަރައްޤީކުރުމުގައި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގައި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ޒަރިއްޔާއިން، ރާއްޖޭގެ ކުޅިވަރުތަކުގައި މިހާރު ހުރި ގިނަ ގޮންޖެހުންތަކެއް ހައްލުކުރެވި، ބައިނަލްއަގުވާމީ ގޮތުން ކުޅިވަރުތަކުގައި ކާމިޔާބީ ހާސިލްކުރުމަށް އޮތް ތަސައްވަރާ ގާތަށް ޖެހިލުމަށް ވެސް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ވަރުގަދަކޮށް، ބައިނަލްއަގުވާމީގޮތުން އެއްބާރުލުން ހޯއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ފާހަގަކުރައްވާ ވަޒީރު ރާފިޢު ވަނީ، މި އެއްބަސްވުމުގައި ސޮއިކުރެވުމަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އެޅިގެންދާ ފިޔަވަޅުތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އޮތް ޖީލުތަކުގެ ކުޅުންތެރިންނަށް އެކަމުގެ ފައިދާކުރާނެ ކަމަށާއި، އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު