ENGLISH
22 އޭޕްރީލު 2025
ބީއެމްއެލްގެ އާ ޚިދުމަތްތަކާއެކު އައްޑޫ ސިޓީއަށް ލުއިފަސޭހަތައް ލިބިގެންދާނެ: ސީއީއޯ މުހައްމަދު ޝަރީފް
17 ފެބްރުއަރީ 2025
|
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް އައްޑޫ ސިޓީގައި ފެއްޓެވުމުގެ އިތުރަށް، އެ ބޭންކުން މިހާރު ހުޅުވާލައްވާފައިވާ އާ ޚިދުމަތްތަކާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހަތައް ލިބިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ރޭ ވަނީ އައްޑޫ ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރައްވާފައެވެ. އައްޑޫ ސިޓީގެ ހިތަދޫ ބީއެމްއެލް ބްރާންޗުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރޭ ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އަލަށް ތަޢާރަފްކުރެވިގެން ދިޔައީ ހަމައެކަނި ޚިދުމަތެއް ނޫންކަމަށާއި، އެއީ އައްޑޫ ސިޓީގެ ރައްޔިތުންނާއި އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމަށެވެ.
އައްޑޫ ސިޓީގެ ޚާއްޞަކަން ފާހަގަކުރައްވަމުން މުޙައްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ބީއެމްއެލްގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައި ކަމަށާއި، އެ ސިޓީގައި މިހާރު ބީއެމްއެލްގެ 3 ގޮތްޕާއެކު 9 އޭޓީއެމްގެ ޚިދުމަތް ދެމުންގެންދަވާ ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫ ގޮފީގައި ޤާއިމްކުރި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް
ޑޮލަރު އޭޓީއެމްގެ އިތުރުން، ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް، ބީއެމްއެލްއިން ދޫކުރާ ފައިނޭންސިންއަށް ގެންނެވި ހެޔޮ ބަދަލުތަކާއި، ގެދޮރު ޢިމާރާތްކުރުމަށް އިތުރު ރަހުނަކާއި ނުލައި ދޫކުރާ ފައިނޭންސިން އިތުރުކުރުމުގެ ސަބަބުން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފުރުޞަތުއް ހުޅުވިގެންދާނެކަމަށް މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
މުޙައްމަދު ޝަރީފު އިތުރަށް ވިދާޅުވީ، ގެސްޓް ހައުސް ފައިނޭންސިންއަށް ބީއެމްއެލްއިން ގެންނެވި ބަދަލުތަކަކީ އައްޑޫ ސިޓީއަށް އެންމެ މުހިއްމު އެއް ބަދަލު ކަމަށެވެ. އެގޮތުން، އަލަށް ތަޢާރަފްކުރެއްވި ޚިދުމަތާއެކު އިމާރާތްކުރާ ގެސްޓްހައުސް މޯގޭޖް ކުރުމަށްފަހު އިތުރު ރަހުނަކާއި ނުލައި އެ ޕްރޮޖެކްޓުގެ 70 އިންސައްތައާ ހަމައަށް ފައިނޭންސިން ހަމަޖެހިގެންދާނެކަމަށް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
"ޢާންމު ވިޔަފާރިތަކަށް އެހީތެރިވުމަށް ވަރކިންގ ކެޕިޓަލް ފައިނޭންސިންގް ވެސް މިވަނީ ހުޅުވާލާފަ. އަދި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައްވެސް ވާނީ ލުއިކޮށްފަ. މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާކޮށްފައިވަނީ ޚާއްޞަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓްހައުސް ޢިމާރާޓްކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެފަދަ ގޮތަކަށް" އައްޑޫ ސިޓީގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޙައްމަދު ޝަރީފް ވިދާޅުވީ އައްޑޫގައި ތަޢާރަފްކުރެއްވި ޑޮލަރު އޭޓީއެމްގެ ޚިދުމަތާއެކު ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޑޮލަރުން ކުރަންޖެހޭ މުޢާމަލާތްތައް ކުރެވޭނެކަމަށެވެ.
މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި، އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ހިންގަވާ ޕްރޮޖެކްޓެއްކަމަށް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. އަދި، ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް ދެއްވަވާ އިރުޝާދަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ޝުކުރުއަދާކުރެއްވިއެވެ.