ENGLISH
22 އޭޕްރީލު 2025
ރައީސްގެ އެންގެވުމާ އެެއްގޮތަށް ޢުމްރާވެރިންގެ ކާޑު ލިމިޓް އިތުރުކޮށްފި
17 ފެބްރުއަރީ 2025
|
އުމްރާވެރިން
ރައީސްގެ އެންގެވުމާ އެއްގޮތަށް ޢުމްރާވެރިންގެ ކާޑު ލިމިޓު ބީއެމްއެލްއިން އިތުރުކޮށްދެއްވައިފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 1500 ޑޮލަރު އިތުރުކޮށްދެއްވަން ބޭންކާއި އެމްއެމްއޭގައި އެދިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ޢުމްރާވެރިންގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރު ދިނުމަށް އެ ބޭންކުން ނިންމަވާފައިވާ ކަމަށެވެ.
އަދި މި ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައިކަމަށާއި މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށްކަމުގައި ބީއެމްއެލްއިން ވިދާޅުވިއެވެ.
ޢުމްރާ ގްރޫޕްތަކުގެ ޙަވާލުގައި ދަތުރުކުރާ ޢުމްރާވެރިންނަށް ޑެބިޓު ކާޑުގެ ލިމިޓު އިތުރުކޮށްދިނުމުގެ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ޢުމްރާ ގްރޫޕްތަކުން އަމަލުކުރަންވީ ގޮތުގެ ތަފްޞީލު ބޭންކުން ވަނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކުރައްވާފައެވެ.
އެހެންކަމުން ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕަކާ ގުޅުއްވުމަށް ބީއެމްއެލްއިން އެދިވަޑައިގެންފައިވެއެވެ. އަދި (ބޭންކް ބަންދު ނޫން) ފަސް ދުވަސް ކުރިން، ޢުމްރާ ގްރޫޕްތަކާ ނުގުޅި ވަކިން ދަތުރުކުރައްވާ ބޭފުޅުން، ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއާއި ޓިކެޓް ކޮޕީ ފޮނުއްވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދެއްވާނެކަން ބޭންކުން ފާހަގަކުރެއްވިއެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އެމެރިކާ ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ ލިމިޓް ލިބޭނެކަން ބީއެމްއެލްއިން ފާހަގަކުރެއްވިއެވެ. އަދި ކާޑުތަކުގެ ލިމިޓުގެ އިތރުަށް، ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް އެއާޕޯޓުން 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެއެވެ.