ENGLISH

22 އޭޕްރީލު 2025

Advertisement

ކުރީ ސަރުކާރުން ޤައުމުގެ މިނިވަންކަން "މޯގޭޖް" ކުރި، މައްސަލަތައް ބަލަންޖެހޭ: ފަލާހު

17 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

މިނިވަންކަން ރަހުނުކޮށްފައި ކަމަށާއި، އެ ސަރުކާރުން ހިންގާފައިވާ ވައްކަމުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބައްލަވަން ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިގޮތަށް ވިދާޅުވީ، އޭސީސީއަށް ނައިބު ރައީސަކު އައްޔަނުކުރުމާ ގުޅޭ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ނެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހުގެ ވާހަކަފުޅު ފެއްޓެވީ، ކޮމިޓީގެ މެމްބަރުން ކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވައި، އޭސީސީއަކީ ގައުމުގައި ހިނގާ "ނުބައި ކަންކަން" ތަހުގީގު ކުރާ އެންމެ މުހިއްމު އެއް އިދާރާގެ ގޮތުގައި ސިފަކުރައްވަމުން ނެވެ. އެހެންނަމަވެސް ދެން އިތުރު ވާހަކައެއް ނުދެއްކެވެނީސް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ނިޒާމީ ނުކުތާއެއް ނެންގެވީ އެވެ.

"ކިތަންމެ ފަށުވިކޮށް ވާހަކަދެއްކިޔަސް އޭސީސީއަކީ ހިނގާތަނެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ،" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

އެކަމާ ދެކޮޅު ހެއްދެވުމުގެ ބަދަލުގައި ފަލާހު އެ ވާހަކައަށް ތާއީދުކުރެއްވި އެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭރު އޭސީސީއަށް އެ މައްސަލަތައް ބެލިފައިނުވާ ކަމަށެވެ.

"އޭރު އެމްޑީޕީ ވެރިކަމަށް ދިމާވިއިރުގައި އެބޭފުޅުން އެއޮތް ބަލިމަޑުކަމުގެ ތެރޭގައި ވެސް ވައްކަންތައް ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފު. އެހެންވެ އަޅުގަނޑު އޭސީސީއަކީ ވަރަށް މުހިއްމު މުއައްސަސާއެއްކަން މި ފާހަގަކުރީ. ބައްލަވާލައްވާ ވެންޓިލޭޓަރުތަކެއް ދުބާއީ ކުންފުންޏަކަށް އުފަންވެސް ނުވާ ކުންފުންޏަކަށް ގަންނަން ދީފައި ދިވެހި ދައުލަތުން ރޯމާ ދުވާލު 35 މިލިއަނޭ އަޅުގަނޑު ހަނދާން ވަނީ" ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ގާތު، ސީދާ އަދަދު އައްސަވަމުން ވިދާޅުވި އެވެ. "33، އާދެ ފިއްޓޭ އެވިދާޅުވީ، 33 މިލިއަން ރުފިޔާ އިނގޭތޯ، އިއްޒަތްތެރި ރައީސް. ކާލީ ހަމަ ރޯމާ ދުވާލު."

ފަލާހު އެ އިޝާރާތް ކުރައްވަނީ 2020 ވަނަ އަހަރު، ކޮވިޑް-19ގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ކުންފުންޏާއި ދިވެހި ސަރުކާރާއި މެދުު ހެދިއެއްބަސްވުމާ އެ ކުންފުނިން ޚިލާފުވި މައްސަލައަށެވެ. ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ އެ މައްސަލަ އޭސީސީން ތަހުގީގުކޮށް އެތައް ފަހަރެއްގެ މަތިން ދައުވާކުރަން އޭރު ފޮނުވި އެވެ.

އޭސީސީން އެންމެ ފުރަތަމަ ދައުވާ ކުރަން ފޮނުވީ، އޭރުގެ ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީނާއި އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށެވެ. އޭގެ ފަހުން އެ ލިސްޓުން ބައެއް ނަންތައް އުނިކުރުމަށްފަހު އަނެއްކާވެސް ދައުވާކުރަން ފޮނުވި އެވެ. އެހެންނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުން ވަނީ އެ މައްސަލަ އަލުން ބެއްލެވުމަށް ނިންމަވާފަ އެވެ.

ފަލާހުގެ ވާހަކަފުޅުގައި "ވެންޓިލޭޓަރު ޚިޔާނާތު"ގެ އިތުރުން، ރާއްޖޭގެ ސްކޫލްތައް ވެސް މިދިޔަ ސަރުކާރުން ރަހުނުކުރި ވާހަކަ ވެސް ފާހަގަކުރެއްވި އެވެ. ފަލާހު ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެރިކަން ނިންމާލީ "ގައުމުގެ މިނިވަންކަން ވެސް މޯގޭޖް" ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ސަލާމަތްކޮށް ހިމާޔަތްކުރީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ސްކޫލްތައް ރަހުނުކުރި ކަމަށް ވިދާޅުވިއިރު ފަލާހު އެ އިޝާރާތްކުރައްވަނީ ރަހުނުކުރުމުގެ ބޭނުމުގައި ގިނަ ސްކޫލުތަކެއް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށަށް 2021 ވަނަ އަހަރު ބަދަލުކޮށް، ލޯނު ނެގި މައްސަލައަށެވެ. ބައެއް މީޑިއާތަކުން އޭރު ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސްކޫލްތަކުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ވެސް ރަހުނުކޮށް ބޮޑު ލޯނެއް އޭރު ނަގާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު