ENGLISH
10 އޭޕްރީލު 2025
ވުލްވްސް ބަލިކޮށް ލިވަޕޫލަށް ހަތް ޕޮއިންޓުގެ ލީޑެއް
17 ފެބްރުއަރީ 2025
|
ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނުމަށް ފަހު ސަލާހު އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސް 1-2 އިން ބަލިކޮށް، ތާވަލްގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ލިވަޕޫލް ނަގައިފިއެވެ.
މިއީ ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ.
ރޭގެ މެޗުން ލިބުނު މޮޅާއެކު، ލިވަޕޫލް އެއްވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ނޮޓިންގހަމް ފޮރެސްޓެވެ.
އެންފީލްޑްގައި ކުޅުނު މެޗުގައި ލިވަޕޫލުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެ ޓީމު ލީޑު ނެގީ 15 ވަނަ މިނެޓުގައި ލުއިސް ޑިއާޒްގެ ގޯލުންނެވެ.
ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. މިއީ ލީގުގައި ސަލާހު ޖެހި 23 ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް ސަލާހު އެވެ.
ޓޮޓްނަމްގެ މެޑިސަން (ކ) ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
މެޗުގެ 67 ވަނަ މިނެޓުގައި ވުލްވްސް އަށް ފަރަގު ކުޑަކޮށްދިނީ މަތެއުސް ކޫންޔާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި އެ ޓީމު ވަނީ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ.
އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުމުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ޓޮޓްނަމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ.
މި މޮޅާއެކު، ޓޮޓްނަމް އުޅެނީ 12 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. މި މެޗުން ބަލިވި ޔުނައިޓެޑް އޮތީ 15 ވަނައިގައެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.