ENGLISH
22 އޭޕްރީލު 2025
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސަލާހު އައްޔަނުކުރަން ރުހުންދެއްވައިފި
17 ފެބްރުއަރީ 2025
|
އީސީ އަށް ޒާހިދާއި ސަލާހު އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުޙައްމަދު ޒާހިދާއި އެ ކޮމިޝަންގެ ނައިބަކަށް އަބްދުއްރަހްމާން ސަލާހު ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޒާހިދު އަދި ނައިބަކަށް ސަލާހު އައްޔަނުކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙަހައްމަދު މުޢިއްޒު ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އެ މައްސަލަ ދިރާސާކުރެއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމެވީ، އެއީ މީގެކުރިން މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅުންނަށްވާތީ، އިތުރު އިންޓަވިއުއެއް ކުރުމެއްނެތި ޒާހިދާއި ސަލާހަށް ރުހުން ދެއްވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅައި ނެގުނު ވޯޓުގައި އީސީގެ ރައީސަކަށް ޒާހިދު އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 68 މެމްބަރުންނެވެ. އީސީގެ ނައިބަކަށް ސަލާހު އައްޔަނުކުރެއްވުމަށް ފާސްކުރެއްވީ 69 މެމްބަރުންގެ ވޯޓާ އެކު އެވެ.
އީސީގެ ރައީސަކަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދެއްވި ޒާހިދު ވަނީ މީގެކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އެ ކޮމިޝަނުގެ ނައިބަކަށް އައްޔަނުކުރަން ރުހުންދެއްވާފައިވާ ސަލާހު ވަނީ އީސީގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކްޓިން ސެކެޓްރީކަން ކުރައްވާފަ އެވެ.
މި ދެބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރައްވާފައިވަނީ ހުސްވި ޖެނުއަރީ 26 ގަ އެވެ.