ENGLISH

22 އޭޕްރީލު 2025

Advertisement

ކިތަންމެ ކައިރި ހިސާބަކަށް ދާން ބޭނުންވިޔަސް "ޓެކްސީ ލައިން"ގެ ޚިދުމަތް ލިބޭނެ: އެމްޓީސީސީ

16 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

މާލޭގެ ކިތަންމެ ކައިރި ހިސާބަކަށް ދާން ބޭނުންވިކަމުގައި ވިޔަސް "ޓެކްސީ ލައިން" ގެ ޚިދުމަތް ލިބޭނެ ކަމަށް އެމްޓިސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އަހްމަދު ހައިޝަމް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައިޝަމް ވަނީ، މާލެ ތެރޭގެ ދަތުރެއް ކުރުމަށް ޓެކްސީއެއް ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެތައް ގަޑިއިރެއް ވާއިރުވެސް ޓެކްސީއެއް ނުލިބި މަގުމަތީ މަޑުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ހައިޝަމް ވިދާޅުވީ ޓެކްސީ ލައިނުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޔަޤީންކަމަކީ، ކޮންމެ ތާކަށް ދާންޖެހުނުކަމުގައި ވިޔަސް ޓެކްސީ ލިބޭނެކަމުގެ ޔަޤީންކަން ކަމަށާއި އަދި މި ޓެކްސީތައް ވަކި ތަނަކަށް ނޫނީ ދަތުރުކުރާ އުޞޫލު ނުގެންގުޅޭނޭކަމަށެވެ.

"އާންމު ރައްޔިތުންނަށްވެސް އެބަ ލިބިގެންދޭ ޔަޤީންކަން ވަކި ތަނަކަށް ވަކި ލޮކޭޝަނަކަށް ދާން ނޫންކަން ދަތުރު ލިބޭނީ. މާލޭގެ ހަމަ ކޮންމެ ތަނަކަށް ދާން ބޭނުންވިޔަސް، ހަމަ އަޅުގަނޑުމެންނަށް ދަތުރު ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެންނާމެދު މިއޮންނަ އިތުބާރާއި ޔަޤީންކަން އެއީ އަޅުގަނޑުމެން މިކަން ކޮށްދޭން ބޭނުންވާ އެންމެ ބޮޑު ސަބަބަކީވެސް" ހައިޝަމް ވިދާޅުވިއެވެ.

ފުލްޓައިމްކޮށް ޓެކްސީ ކުރާ މީހުންނާއި، ވަޒީފާ އަދާކުރުމަށްފަހު ޕާޓް ޓައިމްކޮށް ޓެކްސީކުރާ މީހުންނަށްވެސް، މި ޓެކްސީ ލައިންގެ ޑްރައިވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހައިޝަމް ވިދާޅުވިއެވެ. އަދި ޑްރައިވަރުންނަށް ލިބެންޖެހޭ އުޖޫރަ ލިބޭނޭކަމުގެ ޔަޤީންކަންވެސް ހައިޝަމް ދެއްވިއެވެ.

"ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިޕާޓްމެންޓް މެނޭޖަރ އަބްދުﷲ ފާރިޝް ޙުސައިން ވިދާޅުވީ، މި ޚިދުމަތް ފަރުމާކޮށްފައިވަނީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭނެފަދަ ގޮތަކަށް ކަމަށެވެ. މި އެޕްލިކޭޝަނުން ޕްރީ-ބުކިން ނުވަތަ ދުރާލާ ޓެކްސީ ހަމަޖެއްސުމުގެ ޚިދުމަތް ވެސް ލިބޭނެފަދަ ގޮތަކަށް ފަރުމާކުރުމަށް މަޝްވަރާކުރަމުންދާކަމަށް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ، މި ޓެކްސީތަކުގައި ސީސީޓީވީ ފަދަ ސަލާމަތީ ފިޔަވަޅުތައްވެސް ހިމަނާފައި ހުންނާނެކަމަށެވެ. އަދި ކަސްޓަމަރަކަށް ޓެކްސީގައި އެއްޗެއް ބާއްވާފައި ދެވުނުކަމުގައި ވިޔަސް އެ އެއްޗެއް ހޯދޭނެކަމަށާއި، ގެއްލިއްޖެ ނަމަ ސިސްޓަމްގެ ތެރެއިން ވީގޮތް ބެލޭނަކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ އެޕްލިކޭޝަންގެ ތަފްޞީލީ މަސައްކަތްކަން ފާހަގަކުރައްވައި ފާރިޝް ވިދާޅުވީ، އެމްޓީސީން ނެރޭ ޕްރޮޑަކްޓަކީ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ފުރިހަމަ ޕްރޮޑަކްޓަކަށް ވާން ބޭނުންވާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު