ENGLISH

10 އޭޕްރީލު 2025

Advertisement

ލެވަކޫސަން އާއި ބަޔާންގެ ކުރިމަތިލުން އެއްވަރުވެއްޖެ

16 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ލެވަކޫސަންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ޖަރުމަން ލީގުގައި ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަން ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު، ބަޔާން އަދިވެސް އުޅެނީ އެއްވަަނައިގައެވެ. ބަޔާން އަށް 22 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލެވަކޫސަން އަށް 47 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރޭންކްފާޓަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.

ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި އެ ޓީމުން ޑޮމިނޭޓްކުރިއިރު، ލަނޑު ޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭގެތެރެއިން، ދެ ފަހަރެއްގެ މަތިން ލެވަކޫސަންގެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ފަހު ހާފުގައި ލެވަކޫސަންގެ ނޭތަން ޓެލާ ފޮނުވާލި ބޯޅައެއް ބަޔާންގެ ކުޅުންތެރިން ވަނީ ގޯލް ރޮނގުމަތިން ސަލާމަތްކޮށްފައެވެ. ބަޔާން އަށް މި މެޗުގައި ލެވަކޫސަންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުން އެއްވަރުވުމާއެކު، ލެވަކޫސަނުން ވަނީ ބަޔާންއާ ދެކޮޅަށް ބަލިނުވެ ހަ މެޗު ފުރިހަމަކޮށްފައެވެ. މީގެއިތުރުން، އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޯކުމްގެ ދަނޑުގައި އެ ޓީމު އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު