ENGLISH

11 އޭޕްރީލު 2025

Advertisement

ރެއާލް އެއްވަރުވިއިރު ބެލިންހަމް އަށް ރަތް ކާޑެއް

16 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އޮސަސޫނާ އާއި ރެއާލް ބައްދަލުކުރި މެޗުގެތެރެއިން. --ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި އޮސަސޫނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.

މި މެޗު އެއްވަރުވި ނަމަވެސް ރެއާލް އަދިވެސް އުޅެނީ އެއްވަނައިގައެވެ. ރެއާލަށް 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބާސެލޯނާ އެވެ.

އޮސަސޫނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެވެ. މިއީ ލީގުގައި އޭނާ ޖެހި 17 ވަނަ ގޯލެވެ.

އޭގެފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ބެލިންހަމް އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ރެއާލުން ބާކީބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ބެލިންހަމް އަށް ރަތް ކާޑު ދެއްކީ، ރެފްރީއާ ދިމާލަށް ބޭއަދަބީ ބަހުން މުޢާމަލާތް ކުރުމުންނެވެ.

މެޗުގައި އޮސަސޫނާ އިން އެއްވަރުކުރީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަންޓޭ ބުޑިމިއާ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ބުޑިމިއާ އަށް ރެއާލް އެޑުއާޑޯ ކަމަވިންގާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މެޑްރިޑްގެ އަނެއް ޓީމު ކަމަށްވާ، އެތުލެޓިކޯގެ ދަނޑުގައި އެ ޓީމު ވަނީ 1-1 އިން ސެލްޓާ ވިގޯއާ އެއްވަރުވެފައެވެ. މެޗުގެ ކުރީކޮޅު، ޕަބްލޯ ބެރިއޯސް އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ސެލްޓާ ވިގޯ އަށް ލިބުނު ޕެނަލްޓީއަކުން އިއާގޯ އަސްޕާސް ލީޑު ނަގައިދީފައިވަނިކޮށް، މެޗުގެ ފަހު ނުވަ މިނެޓުގެ ތެރޭގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ އަލެކްސެންޑާ ސޯލޯތު އެވެ.

ކިޔުންތެރިންގެ ހިޔާލު