ENGLISH
10 އޭޕްރީލު 2025
މެރީނޯގެ އެހީގައި އާސެނަލް މޮޅުވިއިރު، މާމޫޝްގެ ހެޓްރިކާއެކު ސިޓީ އަށް މުހިއްމު މޮޅެއް
16 ފެބްރުއަރީ 2025
|
ލެސްޓަރއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ލެސްޓަރ ސިޓީ އަތުން އާސެނަލް މޮޅުވީ 2-0 އިންނެވެ. ސިޓީގެ ދަނޑުގައި އެ ޓީމު ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދު އޮތް ފަރަގު އާސެނަލުން ވަނީ ކުޑަކޮށްފައެވެ. ލިވަޕޫލަށް 24 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓް ފަހަތުން އާސެނަލް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އުޅޭ ނޮޓިންގހަމް ފޮރެސްޓަށް 47 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ހަތަރު ވަނައިގައި އޮތީ 44 ޕޮއިންޓާއެކު އެވެ.
ލެސްޓަރގެ ކިންގޕަވަރ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އާސެނަލް ނުކުތީ އަނިޔާގެ ސަބަބުން އެޓޭކުގެ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ޓީމަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ ވެސް ފަހު 10 މިނެޓުގެ ތެރޭގައެވެ.
ރޭގެ މެޗުގައި އާސެނަލް ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއަކަށް ނުކުތް ސްޕެއިނުގެ މިޑްފީލްޑަރު، މިކޭލް މެރީނޯ އެވެ.
އިއްތިހާދުގައި ސިޓީ ކުޅުނު މެޗުގައި، މިދިޔަ ޖަނަވަރީ މަހުގައި އެ ޓީމަށް ބަދަލުވި މިސްރުގެ ފޯވާޑް، އޮމަރު މާމޫޝްގެ ހެޓްރިކް ހެދިއިރު، އަނެއް ލަނޑުޖެހީ ޖޭމްސް މެކްއަޓީ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމު ވަނީ 1-1 އިން އިޕްސްވިޗް ޓައުންއާ އެއްވަރުވެފައެވެ. ފޮރެސްޓް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް މޮޅުވިއިރު، ރަށުން ބޭރުގައި ސައުތެމްޓަން އަތުން ބޯންމަތު މޮޅުވީ 3-1 އިންނެވެ.