ENGLISH
07 ޖުލައި 2025
ބޭނުންނުކޮށް މަގުމައްޗަށް ދޫކޮށްލާފައި ހުރި 235 އުޅަނދު ފުލުހުން ޓޯކޮށްފި
16 ފެބްރުއަރީ 2025
|
މަގުމަތީގައި ބޭނުންނުކޮށް ހުރި އުޅަނދުތަކެއް ފުލުހުން އިއްޔެ ޓޯކުރަނީ. ފޮޓޯ: ޕޮލިސް
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 235 އުޅަނދު ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ޓޯކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން 'އެކްސް' ގައި ކުރި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ބޭނުންނުކޮށް ހުންނަ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން އިއްޔެ 235 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި ތިން ބައިސިކަލެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން އަންނަނީ، ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ގިނަދުވަސްވީ އުޅަނދުތައް ޓޯކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ވަނީ މާލެ ސަރަޙައްދުގެ ބޮޑެތި މަގުތަކުގައި ނުގަވައިދުން އުޅަނދުތައް ޕާކްކުރުމުގެ މައްސަލަ ބޮޑުވެ، އެ އުޅަނދުތައް ޓޯކުރަން ނިންމަވައިފައެވެ.
ހުޅުމާލެ މަގުތަކުގައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވީ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަހަރުގެ ޖަނަވަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.
ޓްރެފިކް އަދި ޕާކިން މައްސަލަ ހައްލުކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގައި، އެންގުމާ ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުގެ ޤާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ޤަވާއިދުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.