ENGLISH

22 އޭޕްރީލު 2025

Advertisement

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރައްވަނީ

16 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިހާރު ސަރުކާރުން ފައްޓަވާފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއް ނިންމެވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޢާންމުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބޭ ގޮތަށް ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާއާއި ރައީސުލްޖުމްހޫރިއްޔާ އޮފީސް ގުޅިގެން ކުރިއަށްގެންދެވި "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ ޤަވާޢިދުތަކާއި ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތްތައް އެ ވުޒާރާއިން ކުރައްވަމުންދާ ކަމަށެވެ. އަދި އެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އިންފްރަސްޓްރަކްޗާ އެންޑް ހައުސިންއިން ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ދެ ވުޒާރާ ގުޅިގެން ކުރައްވަމުންދާ މަސައްކަތްޕުޅުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ނިންމަވައިލެއްވުން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި ދެ ވުޒާރާއިންވެސް ވަރަށް ގާތުން އެކުއެކީގައި ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 

"އަަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް އޮތް މި ދެ އަހަރު ތެރޭގައި އެއްކޮށް ހަމަ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިލެވޭނޭ. އެކަންތައް ކުރަން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ސަރުކާރުން ޕޮލިސީ ސައިޑުން އަދި އިމްޕްލިމެންޓޭޝަން ސައިޑުން ވަރަށް ގާތުން އަންނަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ. 

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމައިލުމުގެ އިތުރަށް ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލައި އިތުރަށް ފެނާއި ނަރުދަމާގެ ނިޒާމު އެ ރަށްތަކުގައި ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭނެކަން ޠާރިޤު ފާހަގަކުރެއްވިއެވެ. 

އެގޮތުން އާބާދީ ބޮޑުވުމުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްޤީކުރަންޖެހޭ ތަންތަން ދެނެގަނެ އެތަންތަނުގެ ނަރުދަމާއާއި ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރުމުގެ ޕްލޭނެއް ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ގުޅިވަޑައިގެން ކުރައްވަމުންދާކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު