ENGLISH
22 އޭޕްރީލު 2025
ޕިއަރ އައުޓްރީޗް ޕްރޮގްރާމްތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް ފަށައިފި
16 ފެބްރުއަރީ 2025
|
ޒުވާނުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ޒުވާނުންގެ ވުޒާރާ
ޒުވާނުންނަށް އިޖުތިމާޢީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަނެ، ޕިއަރ ސަޕޯޓް ނެޓްވޯކެއް ޤާއިމުކުރުމަށް ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިއަދު ފައްޓަވައިފިއެވެ.
'ޕިއަރ އެޑިއުކޭޓަރސް ޓްރެއިނިން' ނަމުގައި ފަސް ދުވަހުގެ މުއްދަތަކަށް ޕްރޮގްރާމް ކުރިއަށްދަނީ އެ ވުޒާރާގެ ޔޫތު ވެލްނެސް ލައުންޖުންނެވެ. ސޯޝަލް ސެންޓަރުގައި 30 ބައިވެރިންނާއިއެކު ވޯކްޝޮޕް ފެށީ މިއަދު ހެނދުނުއެވެ. ވޯކްޝޮޕް ކުރިއަށްދާނީ މިއަދުން ފެށިގެން ފެބްރުވަރީ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޒުވާނުންގެ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕިއަރ އައުޓްރީޗް ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ޒުވާނުންނާއި ރައްޓެހި މާޙައުލެއްގައި ޒުވާނުންނަށް ކުރިމަތިވާ އެކި ޙާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި، ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ގޮތުން ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން، ވޯކްޝޮޕް ފުރިހަމަކުރާ ބައިވެރިން ސެޝަންތައް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ޕިއަރ އެޑިއުކޭޓަރސް ޓްރެއިނިން ނަމުގައި މިއަދު ފެށި ޕްރޮގްރާމްގެ ތެރެއިން. ޕްރޮގްރާމް ކުރިއަށްދާނީ ފަސް ދުވަހުގެ މުއްދަތަކަށް. ފޮޓޯ: ޒުވާނުންގެ ވުޒާރާ
ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިން މަދުވެގެން 1 އަހަރު ވަންދެން އެ ވުޒާރާއެކު ޒުވާނުންގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާނެއެވެ. އެގޮތުން އެ ވުޒާރާގެ ފަރާތުން ކުރިއަށްގެންދަވާ ސެޝަންތައް ފެސިލިޓޭޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، މާލެ އާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ސެޝަންތައް، ތަމްރީނުވާ ބައިވެރިން ނަގައިދޭނެކަމަށް ޒުވާނުންގެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިން އެ ވުޒާރާގެ ޕިއަރ އެޑިއުކޭޓަރސް ޕޫލްގެ ތެރޭގައި ހިމަނައި، ހިންގާ ޕްރޮގްރާމްތަކަށް ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި، ފަންނާ ބެހޭ ވުޒާރާއިން މިދިޔަ ހަފްތާ ވަނީ ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ޔޫތު ވެލްނެސް ލައުންޖުގެ ޚިދުމަތްވެސް ފައްޓަވައިފައެވެ. އެ ވުޒާރާއިން ވިދާޅުވީ ޒުވާނުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޔޫތު ވެލްނެސް ލައުންޖުގައި ކޮންމެ އާދީއްތަ ދުވަހަކު ކޮންސަލްޓޭޝަން ކުރިއަށް ގެންދަވާނެ ކަމަށެވެ.