ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖެއަކީ ޙައްދުފަހަނައެޅި ޤައުމެއްގެ ގޮތުގައި ސިފަނުކުރެވޭނެ، އެކަންކަމަށް ރަނގަޅަށް ފަރުވާދެވޭ: ޝަހީމު

16 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖެއަކީ ހަރުކަށި ނުވަތަ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ސިފަކުރާނެ ޖާގައެއް ނެތްކަމަށާއި، ރާއްޖޭގައި އެ މައްސަލައަށް ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންވެސް ވަރަށް ރަނގަޅަށް ފަރުވާކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޢާއްމުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ"ގެ ތެރެއިން ރޭ ބޭއްވި ފޯރަމުގައި ޢާއްމުންގެ ތެރެއިން ބޭފުޅަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، އެހެނިހެން އިސްލާމީ ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އެއްބައިވަންތަ ޤަައުމެއް ކަމަށެވެ. 

ދިވެހިންނަކީ އިސްލާމީ މަންހަޖާއި ފިކުރުގެ ގޮތުން ސުންނީންކަން ފާހަގަކުރައްވައި ޑރ.ޝަހީމު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ދީނުގެ މެދުމިން އުޞޫލުތައް ހިފަހައްޓަމުންދާ ބައެއް ކަމަށެވެ. އަދި ޙައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މެދުގައި ޢާންމު ކަންތައްތަކެއް ނޫންކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގެ ތެރޭގައި ދީނީ ގޮތުން ބައިބައިވުންތަކެއް ނެތް. ދިވެހި ރައްޔިތުންނަކީ ވަރަށް މެދުމިނުގެ ދީނުގެ އުޞޫލުތަކެއް ދަމަހައްޓާ އެއަށް ތަބާވާ ބައެއް. ޙައްދުފަހަނައެޅުމާއި މިބާވަތުގެ ކަންކަމަަކީ ޢާންމުކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ކަންތައްތަކެއް ނޫން. ނަމަވެސް ބައެއް ފަހަރު ބައެއް ފަރުދުންގެ ވަކިވަކި ފަރުދުންގެ މިބާވަތުގެ ފިކުރުތައް ފާހަގަކުރެވިގެން ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުން ރާއްޖޭގައި ފަރުވާކުރެވޭ،" ޝަހީމު ވިދާޅުވިއެވެ. 

އަދި ރާއްޖެއަކީ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ޞިފަކުރާނެ ޖާގައެއް ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެހެނިހެން އިސްލާމީ ޤައުމުތަކުގައި ޙައްދު ފަހަނައެޅުން ފަދަ މައްސަލަތައް އޮތް މިންވަރަށް އެފަދަ މައްސަލަތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ޢިލްމީ ގޮތުންނާއި ޤާނޫނީ ގޮތުން އެފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ފަރުވާކުރެވެމުންދާކަމަށް ޝަހީމު ވިދާޅުވިއެވެ. 

ރާއްޖެއަކީ ހަރުކަށި ޙައްދުފަހަނައެޅި ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ޞިފަކުރާތީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކަށް ދެއްވަން އޮތް މެސެޖަކާ ގުޅޭ ގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ޑރ.ޝަހީމު ވިދާޅުވީ އެފަދަ ވާހަކަދައްކާ ފަރާތްތަކަށް އެކަން ނުކުރަން ނަޞޭޙަތްތެރިވާންޖެހޭ ކަމަށެވެ. 

ޑރ.ޝަހީމު ވިދާޅުވީ ރާއްޖެއަކީ އެންމެނަށް އިޙުތިރާމުކުރާ، ޞުލްޙައަށް ލޯބިކުރާ، އެހެން ދީންތަކުގެ މީހުންނަށްވެސް އިޙުސާންތެރިވާ ޤައުމެއްކަމަށްވާތީ، ރާއްޖެއަކީ ޙައްދުފަހަނައެޅި ތަނެއްގެ ގޮތުގައި ޞިފަކުރެވޭނެ އެއްވެސް ޖާގައެއް  ނޯންނާނެ ކަމަށެވެ. 

"ރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް އިޙުތިރާމުކުރާ ޞުލްޙައަށް ލޯބިކުރާ، އެހެން ދީންތަކުގެ މީހުންނަށްވެސް ޢަދުލުވެރި ގޮތުގައި އިޙުސާންތެރިވާ އެންމެނަށް އިޙުތިރާމުކުރާ ޤައުމެއް ދިވެހިރާއްޖެއަކީ. އެހެންވީމާ ދިވެހިރާއްޖެއަަކީ ޙައްދުފަހަނައަޅާފައިވާ މުޖުތަމަޢެއްގެ ގޮތުގައި ޞިފަކުރަން އެއްވެސް ޖާގައެއް އޮތްކަމަށް ނުދެކެން،" ޑރ.ޝަހީމު ވިދާޅުވިއެވެ. 

ޙައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަރުބިއްޔަތަށް އިސްކަންދީގެން އިސްލާމްދީނުގެ އުޞޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ރިސާލާގެ ނަމުގައި މިފަދަ މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ޤައުމީ ފެންވަރުގެ ޕްރޮގުރާމެއް ހިންގަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު