ENGLISH
22 އޭޕްރީލު 2025
ފަތުރުވެރިކަމުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ފަސޭހަވެގެންދާނެ: ވަޒީރު ޠާރިޤު
16 ފެބްރުއަރީ 2025
|
ރޭ ބޭއްވެވި އަހާ ފޯރަމްގައި ވަޒީރު ޠާރިޤު އިބްރާހީމް ވާހަކަދައްކަވަނީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީގެ މަސައްކަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ އިޚުތިޞާސްގެ ތެރެއަށް ވަނުމުން، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމާއި، އިޔާދަކުރަނިވި ހަކަތަ އިތުރަށް އާލާކުރުމާއެކު ކުނި މެނޭޖްކުރުމުގެ މަސައްކަތް ފުރިހަމަކޮށް ކުރުމަށް، ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންޑްވަޔަރަމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް އެފަދައިން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނާއި ސުވާލުކުރުމަށް އާއްމު ރައްޔިތުންނަށް ފުރުޞަތު ލިބޭގޮތަށް ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި، އާއްމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޠާރިޤު އިބްރާހީމަށް ކުރިމަތިވި ސުވާލަކީ ފަތުރުވެރިކަމާއި ތިމާވެއްޓާ ގުޅޭ ވުޒާރާ އެއްކޮށްލުމުގައި ސަރުކާރުން ގެންގުޅުނު ވިސްނުމާއި އަދި މުހިއްމު ދެ މަސައްކަތެއް ކުރާ ދެ ވުޒާރާ އެއްކޮށްލުމާމެދު ވަޒީރު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށެވެ.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ވުޒާރާ އެއްކޮށްލެއްވީ ވަރަށް މުހިއްމު މަޤްޞަދެއްގައި ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 65 އިންސައްތަ ފަތުރުވެރިން ރާއްޖެ އަންނަނީ، ރާއްޖޭގެ ރީތިކަމާއި ހިތްގައިމު ވެށީގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވުމާއެކު، ރާއްޖެއަށް ލިބިފައިވާ ތިމާވެށީގެ މުއްސަނދިކަން ދެމެހެއްޓުމަކީ ފަތުރުވެރިން ރާއްޖެއަށް އައުމަށް ލިބިގެންދާނެ ވަރަށްބޮޑު ބާރެއްކަމުގައި ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
"ރާއްޖެއަށް ފަތުރުވެރިން އިތުރަށް އަޅުގަނޑުމެން ގެންނަކަމަށް ވަންޏާމުވެސް ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަން ހަމަ އިތުރަށް ރަނގަޅުކޮށް ދެމެހެއްޓޭނެ. އެހެންވީމަ އެކަންތައް ކުރެވިއްޖެ ކަމުގަ ވާނަމަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައިވެސް ފަތުރުވެރިކަން އިތުރަށް އާލާވަމުން ދާއިރު އަޅުގަނޑުމެންނަށް ތިމާވެށި ރައްކާތެރިކަން ބެލެހެއްޓިގެންދާނެ" ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް އިތުރަށް ވިދާޅުވީ ދެވަނަ އަމާޒަކީ މުޅި ދުނިޔޭގައިވެސް މިހާރު މަޤުބޫލުކަން ބޮޑުވަމުން އަންނަނީ ދެމެހެޓެނިވި ފަތުރުވެރިކަން ތަޢާރަފްކުރުން ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަޢާރަފްކުރެއްވިއްޖެނަމަ، ތިމާވެށީގެ ގޮތުން ފައިދާތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓުތަކުގައި މިހާރު ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓު އުފެއްދުމުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތަ އާލާކޮށްގެން ކަރަންޓު އުފެއްދުމާއި، ފެން އުފެއްދުމުގައި ދެމެހެއްޓިނިވި ގޮތްތަކެއް ހޯދުމާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ޠާރިޤު ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކީވެސް ކުރީގަ އަޅުގަނޑުމެން އެންވަޔަރަމަންޓް މިނިސްޓްރީ ނޫނީޔާމު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް އެނަރޖީ ތެރޭގަ ހުރި މެންޑޭޓުގަ ހުރި ކަންތައްތައް. އެހެންވީމަ މިކަންތައްތައްވެސް ޓުއަރިޒަމް މިނިސްޓްރީގެ ނުވަތަ ޓުއަރިޒަމް ދާއިރާގެ ތެރެއަށް ވަދެގެން މިކަންތައްތައް ކުރެވިއްޖެކަމުގައި ވަންޏާމު ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ މުޅި އިންޑަސްޓްރީއަށްވެސް މިކަންތައްތައް ބެލުމަށްވެސް. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިދެންނެވި ހުރިހާ ކަމެއް ދެމިނިސްޓްރީ އެއްކޮށްލީމަ މިކަންތައްތައް ކުރަންވެސް ފަސޭހަވެގެންދާނެ އަޅުގަނޑުމެން ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ވެސް ފަސޭހަވެގެންދާނެ" ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ދެ ވުޒާރާ އެއްކޮށްލެއްވުމާއެކު ކުރެވޭ މަސައްކަތްތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އަދި އޭގެ އިތުރުން ތިމާވެށީގެ ދާއިރާއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ލިބި ދެ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށެވެ.