ENGLISH

22 އޭޕްރީލު 2025

Advertisement

އެފްޓީއޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި ޗައިނާއިން ރާއްޖެއަށް އިސްކަންދޭނެ: ސަޢީދު

15 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޗައިނާއާއެކު ޤާއިމުކުރެވި މިހާރު ޢަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދުނިޔެއަށް ބޮޑު ކަމެއް ކުރިމަތިވާ ދަނޑިވަޅުތަކުގައިވެސް ޗައިނާއިން ދިވެހިރާއްޖެއަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ބޭނުންް ސުވާލެއްކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމުތަކުގެ ތެރެއިން މިރޭ ބޭއްވި ފޯރަމުގައި ޗައިނާއާއި ރާއްޖެއާ ދެމެދުގައި ޤާއިމުކުރައްވާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާއާ ބެހޭ ގޮތުން ޢާއްމު ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު މާކެޓަށްވާއިރު އެ މާކެޓަށް ވަނުމަށް ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ފަހި ފުރުޞަތެއް ލިބުމުން އެ ފުރުޞަތު ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. 

ކޮވިޑް-19ގެ ޢާލަމީ ވަބާއަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަަ ބާޒާރަކަށް ޗައިނާ ވެފައިވާކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ އެފްޓީއޭއެއް ނެތަސް ފަތުރުވެރިކަން ކުރިއަށްދާނެކަމަށާއި، ނަމަވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ވިޔަފާރީގެ ކަންކަމުގައި ރާއްޖެއާމެދު ޚާއްޞަ ނަޒަރިއްޔާތަކުން ބަލާނެ ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަންވެސް ހިމެނޭނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި ދަތުރުފަތުރުކުރުމުގެ ކުޑަ ފުރުޞަތެއް އޮތަސް ޗައިނާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ހުއްޓުމެއްނެތި ކުރަމުންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"ދިވެހިރާއްޖެއަށް ޗައިނާއިން ދީފައި އޮތް ޕެކޭޖަށް ބަލާއިރުގަ ދުނިޔޭގެ އިރާދަކުރެއްވިޔާ މިހެން އަންނަ ގޮންޖެހުންތަކުގައި ޗައިނާ ޚާއްޞަ ނަޒަރިއްޔާތަކުން ރާއްޖެއަށް ބަލަމުންދާނެ، އޭގެ ތެރޭގައި ފަތުރުވެރިކަންވެސް ހިމެނޭ. ދުނިޔެއަށް ދަތުރުކުރުމުގެ ކިރިޔާ ފުރުޞަތެއް އޮތަސް ރާއްޖެއަށް ދަތުރުކުރަމުންދާނެ އިނގޭތޯ،" ސަޢީދު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖޭގައި ނެތް ބާވަތްތައް ހިމެނޭހެން، ރާއްޖެއިން ޗައިނާއަށް ބޭރުކުރާ ހުރިހާ ސީފުޑުގެ ބާވަތެއް ޑިއުޓީއެއް ނެތި އެ ޤައުމަށް ބޭރުކުރެވޭނެ ކަމަށެވެ. އެގޮތުން 296 ބާވަތެއްގެ ސީފުޑް ސުން ޕަސެންޓު ޑިއުޓީގައި ޗައިނާއަށް ރާއްޖެއިން ބޭރުކުރެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ފަހި ފުރުޞަތެއް ކަމަށެވެ. 

އެ ފުރުޞަތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ނުލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ސީފުޑްގެ ބާވަތްތަކަށް އަގު އިތުރުކުރުމަށްފަހު ރާއްޖެއިން ޗައިނާއަށް ބޭރުކުރުމުގެ ފުރުޞަތު އެ އެއްބަސްވުމުން ލިބޭނެ ކަމަށެވެ.

"އެ ހުރިހާ ބާވަތެއް ރާއްޖޭގައި ނެތްއިރު މިސާލަކަށް ސަލްމަން ކްރޭބްސް ޕްރޯންސް ކަހަލަ އެއްޗެހި ރާއްޖޭގައި ނުއެއްހުރޭ. ރާއްޖެއަށް އިމްޕޯޓުކުރަނީ. ރާއްޖެއިން ކުޑަކުޑަ އަގު އެއްކޮށްލުމަކަށްފަހު ޗައިނާއަށް ބޭރުކުރުމުގެ ފުރުޞަތު އެލިބެނީ.،" މިނިސްޓަރު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޗައިނާއިން ވަރަށް ގިނަ މުދާ ޑިއުޓީ ފުރީކޮށް ނުވަތަ ޑިއުޓީ ނުދައްކައި އެތެރެކުރުމުގެ ފުރުޞަތު އެ އެއްބަސްވުމުން ފަަހިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަނަށް ބޭނުންވާ މެޓީރިއަލް ފަަދަ މެޓީރިއަލްތަކުން ކުރިން %5 އާއި %10 އާ ދެމެދުގެ ޑިއުޓީއެއް ނަގަމުން އައި ކަމަށާއި، އެއްބަސްވުމަށް ޢަމަލުކުރައްވަން ފެއްޓެވުމާއެކު، އެ އަގު މިހާރު ނުނަގާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. 

ޗައިނާއާއެކު 2017 ވަނަ އަހަރު ޤާއިމުކުރި މިންވަން ވިޔަފާރީގެ އެއްބަސްވުމަށް ފާއިތުވި ފަސް އަހަރު ޢަމަލުނުކުރެއެވެ. އެއިރުގެ ސަރުކާރުން ނިންމަވާފައި އޮތީ އެ އެއްބަސްވުމަށް ޢަމަލުނުކުރައްވައި ބޭއްވުމަށެވެ. ސަރުކާރު ބަދަލުވެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވަނީ އެ އެއްބަސްވުމަށް ޢަމަލުކުރެއްވުމުގެ މަސައްކަތްތައް ފައްޓަވާފައެވެ. މި އަހަރުގެ ޖަނަވަރީން ފެށިގެން އެ އެއްބަސްވުމަށް މިހާރު އަންނަނީ ޢަމަލުކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު