ENGLISH
22 އޭޕްރީލު 2025
ދުވަސްވީ މައިންބަފައިން ބަލާނަމަ، ބޯހިޔާވަހިކަން ދޭއިރު އިސްކަން ދެނީ
15 ފެބްރުއަރީ 2025
|
"އަހާ ފޯރަމް" ގައި އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.
އުމުރުން ދުވަސްވީ މައިންބަފައިން ބަލާނަމަ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އެފަދަ ޢާއިލާތަކަށް އިސްކަން ދެއްވާ ގޮތަށް ސިޔާސަތު އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން މިރޭ ބޭއްވި "އަހާ ފޯރަމް" ގައި ޢާއްމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ އިސްރަށްވެހިންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ.
އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް، އިސްރަށްވެހިންނަށް ގަދަރުވެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، މިހާރު ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި އިސްރަށްވެހިންނަށް އިތުރު ޕޮއިންޓް ލިބޭ ގޮތަށް ސިޔާސަތު އެކަށައެޅުމުގެ އިތުރުން، އުމުރުން ދުވަސްވީ މައިންބަފައިން ބަލާނަމަ، އެ ޢާއިލާއަކަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުން އިސްކަންދޭ ގޮތް ހެދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ހަމައެއާއެކީގައި އާއިލާއާ އެއްކޮށް އުޅުމުން އެމީހުންގެ އެކަނިވެރިކަން ފިލާކަމާއި އެމީހުންގެ ހިތްހަމަޖެހުން އިތުރުވާނެކަމަށްޓަކައި ޢާއިލާއެއްގެ ތެރޭގައި މައިންބަފައިން ގޮވައިގެން އެކުގައި އުޅެން ބޭނުންވާކަމަށް ވަންޔާ އެ ޢާއިލާއަކަށް އިތުރު ޕޮއިންޓް ލިބޭ ކަހަކަ ގޮތަކަށް ވެސް މިހާރު ހައުސިން މިނިސްޓްރީ ތެރޭގައި އެ ޕޮލިސީތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދަވާ."
އިސްރަށްވެހިންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތެއްގެ ގޮތުގައި ވަޒީރު ދެން ފާހަގަކުރެއްވީ، އެމީހުން އެއްވެ އުޅޭނެ ތަންތަން ރަށްރަށުގައި ފާހަގަކުރުމަށް ކައުންސިލްތަކާއި އެކު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މިހާރުވެސް އެކަމަށް 60 ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.