ENGLISH

22 އޭޕްރީލު 2025

Advertisement

މަތީ ތަޢުލީމު ދޭ އަމިއްލަ ތަންތަނުން ދޭ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާނަން: ޑރ.ހައިދަރު

15 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ އަމިއްލަ ކޮލެޖުތަކާއި މުއައްސަސާތަކުން ދޭ ތަޢުލީމަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރަށް ފެތޭ ތަޢުލީމުކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ދެއްވައިފިއެވެ. 

ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ބޭނުންް ސުވާލެއްކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމުތަކުގެ ތެރެއިން މިރޭ ބޭއްވި ފޯރަމުގައި މަތީ ތަޢުލީމު ދޭ ތަންތަނުން ދެމުންދާ ތަޢުލީމުގެ ފެންވަރާ ގުޅޭ ގޮތުން އަމިއްލަ ބޭފުޅަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރުވަނީ އެ މަސއްކަތް ހިނގާ ގޮތުގެ ބައެއް ތަފުޞީލުތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު ރައްޔިތުންނަށް އިތުބާރުކުރެވޭ މިންގަނޑަށް ފެތޭ ތަޢުލީމެއްކަން ކަށަވަރުކުރެއްވުން ކަމަށެވެ. 

އެކަން ކަށަވަރުކުރެއްވުމަށް މިނިސްޓްރީން ކުރައްވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި މުއައްސަސާތަކުން މަތީ ތަޢުލީމު ފޯރުކޮށްދެމުންދަނީ އަދި އެތަންތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ހުރީ، ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ ކޮލިފިކޭޝަން އޮނިގަނޑަށް ފެތޭ ގޮތަށްކަން ކަށަވަރުކުރެއްވުންކަމަށް ޑރ.ހައިދަރު ވިދާޅުވިއެވެ. 

"އެންމެ ބޮޑު އެއްކަމަކަށް އަޅުގަނޑުމެން މިނިސްްޓްރީން ކުރާ ކަމަކީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ ހުރިހާ އިންސްޓިޓޫޓްތަކެއްގައި ކިޔަވައިދިނުމުގެ ފެންވަރާއި، ސަރުކާރުން ކަނޑައަޅާ ކޮލިފިކޭޝަން ފްރޭމްވޯކުގެ ތެރެއިން ކަންކަން ފެތިގެން ކުރިއަށްދާކަން ބެލުން. އެޔަޤީންކަން ހޯދުމުގެ އެންމެ ބޮޑު މަސައޫލިއްޔަތު އޮންނަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޯހެއް ފެށުމުގެ ކުރިންނާއި ކޯހެއް ނިމުމަށްފަހުވެސް އެކޯހެއްގައި ކިޔަވައިދިނުމާއި ކޯހުގެ އެހެނިހެން ކަންކަން ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކުރިއަށްދިޔަކަން ކަށަވަރުކުރެއްވުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރައްވައެވެ. 

ނަމަވެސް ކޯސްތަކުގެ ފެންވަރު ކަށަަވަރުކުރުމުގައި ބައެއްކަހަލަ ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެގޮންޖެހުންތައް ގިރާކުރައްވައި، ރާއްޖޭގެ އަމިއްލަ ކޮލެޖުތަކާއި މަތީ ތަޢުލީމު ދޭ މުއައްސަސާތަކުން ފޯރުކޮށްދޭ ތަޢުލީމަކީ ރައްޔިތުން އިތުބާރުކުރާ ބަލައިގަންނަ މިންގަނޑަކަށް ފެތޭ ތަޢުލީމެއްކަން ކަށަވަރުކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރައްވާނެ ކަމަށެވެ. 

"އެހެންނަމަވެސް މިކަންތައް ޔަޤީންކުރުމުގައި އަޅުގަނޑުމެންނަށް އެބަހުރި ބައެއްކަހަލަ ގޮންޖެހުންތައް. އެހެންނަމަވެސް އެގޮންޖެހުންތަކުން އަރައިގަނެގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައޮި ވަރަށް ބޮޑަށް ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ވަކިން ޚާއްޞަކޮށް އަމިއްލަ ކޮލެޖުތަކާއި އިންސްޓިޓޫޓްތަކުގައި ކިވައިދެނީ ކަނޑައަޅާފައި ހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަން ފްރޭމްވޯކްގެ ތެރެއިންކަން ޔަޤީންކުރުމަށް.،" މިނިސްޓަރު ވިދާޅުވިއެވެ. 

ރާއްޖޭގެ މަތީ ތަޢުލީމު ދޭ އިދާރާތަކުގައި އެންމެ އެކަށީގެންވާ ފެންވަރަށްވުރެ ދަށްކޮށް ތަޢުލީމު ފޯރުކޮށްދޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށް ފާއިތުވި ސަރުކާރުތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވިފައި ނެތްކަމަށް އެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ތުހުމަތުކުރައްވައެވެ. 

ކިޔުންތެރިންގެ ހިޔާލު