ENGLISH
22 އޭޕްރީލު 2025
ރޯދަ މަހު ތަކެތީގެ އަގުބޮޑު ކުރާނަމަ، ސަރުކާރުން ފިޔަވަޅު އަޅާނެ!
15 ފެބްރުއަރީ 2025
|
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ރޯދަ މަހު އަސާސީ ބާވަތްތައް އަގުބޮޑުކޮށް ވިއްކާނަމަ، ސަރުކާރުން އެ ވިޔަފާރިތަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން މިރޭ ބޭއްވި "އަހާ ފޯރަމް" ގައި އާއްމު ފަރާތެއް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، އަސާސީ ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފަ އެވެ.
މިއަހަރު، ރާއްޖޭގެ ތަކެތީގެ އަގު %7 ހުރަސްކުރާނެ ކަމަށް ވޯލްޑް ބޭންކުން މިދިޔަ އަހަރު އަންދާޒާ ކުރެއްވިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުން ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން އަގުތައް %3 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރަން ނުވަތަ އަގު އިތުރަށް ބޮޑުވެގެން ދިޔަނުދީ ހިފަހައްޓާނެ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށް ރައިސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެންގެވި އެންގެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ރައީސްގެ އެންގެވުމާ އެއްގޮތަށް އެކުލަވާލެއްވި ސިޔާސަތުގެ ދަށުން އަސާސީ ބާވަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަކެތީގެ އަގު ބޮޑުވެއްޖެ ނަމަ ޢަމަލުކުރައްވާނެ ގޮތް ވެސް މިހާރު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"183 އައިޓަމްގެ މައްޗަށް ހިމެނޭ ލިސްޓެއް އެއީ. އޭގެތެރެއިން 54 ބާވަތް އިންނާނެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކްރިޓިކަލް އައިޓަމްސްގެ ގޮތުގައި ކަނޑައަޅާފަ..."
ސައީދު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ހިމެނޭ އެއްވެސް އެއްޗެއް، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، އަގު ބޮޑުކޮށް ޢާއްމުންނަށް ވިއްކަމުންދާނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެއެވެ.
"އެއީ މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާނަމަ، އަޅުގަނޑުމެން އިންޓަވީންކުރާނަން. އެއީ ޗޮއިސް އެއްނޫން. ކުރާނެ އެކަން. ސަބަބަކީ އަސާސީ ބާވަތްތަކުގެ މުދާ، ގޭތެރެއަށް، އާއްމު ރައްޔިތުންނަށް ލިބުމުގައި ހުރި ދަތި ހުރަސްވާނެ ހުރިހާނެ ކަމެއް ސަރުކާރުން މިދަނީ ހައްލުކުރަމުން "
އަސާސީ މުދާ އަގުބޮޑުކޮށް ވިއްކާނަމަ، ފިޔަވަޅު އެޅުމުގެ އިތުރުން ވެސް ތަކެތީގެ އަގު ހިފެހެއްޓުމަށް ނުވަތަ އަގުހެޔޮ ކުރުމަށް ކުރައްވަމުންގެންދަވާ އިތުރު މަސައްކަތްތަކަށް ވެސް ސައީދު އަލިއަޅުވާލެއްވި އެވެ. އެގޮތުން ރޯދަ އަށް ޚާއްސަކޮށް، ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ސަރުކާރުގެ މައި ވިޔަވާރި ކުންފުނި އެސްޓީއޯއިން ތައްޔާރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
އޭގެތެރޭގައި ތާޒާ ތަރުކާރީއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެ އެވެ. މިހާރު ވެސް އެ ކުންފުނިން ދަނީ ކާއްޓާއި ފިޔާ އަގުހެޔޮކޮށް ވިއްކަމުން ނެވެ.