ENGLISH
22 އޭޕްރީލު 2025
ވިޔަފާރިވެރިންނަށް ޑރ.ޝަހީމުގެ އިލްތިމާސް؛ އިޙުސާންތެރިކަން އިސްކުރައްވާ!
15 ފެބްރުއަރީ 2025
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މީސްތަކުންނަށް އިޙުސާންތެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ބޭނުންް ސުވާލެއްކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމުތަކުގެ ތެރެއިން މިރޭ ބޭއްވި ފޯރަމުގައި ރަމަޟާން މަހާ ދިމާކޮށް މުދަލުގެ އަގުތައް އުފުލޭ އުފުލުމާ ގުޅިގެން ބޭފުޅަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އިސްލާމްދީނުގައި ކަންކަން ބިނާވެފައި އޮންނަ އެންމެ މުހިއްމު އެއް ޞިފައަކީ ރަޙުމަތާއި ކުލުނުވެރިކަމާއި އިޙުސާންތެރިކަމުގެ ޞިފަ ކަމަށެވެ.
އަދި ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ރަސޫލާގެ މުޅި ރިސާލަތު ކީރިތި ޤުރުއާނުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޞިފަކުރައްވާފައިވަނީ ރަޙުމަތުގެ ރިސާލަތެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށް ޤުރުއާނުން ދަލީލު ދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ މުސްލިމުންގެ ސަޤާފަތާއި އަޚުލާޤު އެ މައްޗަށް ބިނާވާންޖެހޭ އެންމެ މުހިއްމު ބިންގަލަކީ ކުލުނުވެރިކަމާއި ރަޙުމަތާއި އޯގާތެރިކަން ކަމަށެވެ.
"އެހެންވީމާ މުސްލިމުންގެ ސަޤާފަތާއި އަޚުލާޤާއި މިހުރިހާ ކަމެއް ބިނާވާންޖެހޭ އެންމެ މުހިއްމު އަސާސަކީ އިޙުސާންތެރިކަން، ކުލުނުވެރިކަން، އަޚުލާޤު އަނެއް މީހާއަށް އެހީތެރިވުން، ދަތި އުދަގޫކަމެއް މެދުވެރިވެފައިވާ މީހާއަށް ކަންކަން ފަސޭހަކޮށްދިނުން. އެގޮތަށް ހަމަ ވިޔަފާރީގެ ތެރޭގައިވެސް ކަންކަން މިއޮންނަނީ،" ޑރ.ޝަހީމު ވިދާޅުވިއެވެ.
ވިޔަފާރީގެ ތެރޭގައި އިޙުސާންތެރިވުމާއި އަމާނާތްތެރިވުމަކީ މާތްﷲ ޢައްޒަވަޖައްލަ އެކަންކަމަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަންކަން ކަމުގައި ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ވިޔަފާރީގައި މަކަރު ހެދުމާއި ހީލަތް ހެދުމަކީ ކީރިތި ޤުރުއާނުގައި "ހަލާކު ހުއްޓޭ" އެފަދަ ޢިބާރާތުން މާތްﷲ މުޚާޠަބުކުރައްވާފައިވާ ދެ މަޤާމުގެ ތެރެއިން އެއް މަޤާމު ކަމަށެވެ.
"ކީރިތި ޤުރުއާނުގައި ﷲ ޢައްޒަވަޖައްލަ ދެ މަޤާމެއްގައި މީހުންނަށް ލަޢުނަަތް ނުވަތަ ހަލާކު ހުއްޓޭ މި ޢިބާރާތުން ވަޙީކުރައްވާފައިވޭ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވިޔަފާރީގައި ހީލަތްހެދުމާއި މަކަރުހެދުމާއި މިކަންކަމުގެ ވާހަކަ،" ވަޒީރު ވިދާޅުވިއެވެ.
މުދަލުގެ އަގު ހެޔޮކުރަންޖެހެނީ ވިޔަފާރިވެރިޔާއަށްވެސް ގެއްލުމެއް ނުވާނެ ގޮތަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިސްލާމްދީނުގައި ގެއްލުން ދިނުމެއް އަދި ލިބިގަތުމެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ދާއިރައިން އިޙުސާންތެރިވުމަށް ބާރުއެޅުމުގެ ގޮތުން ޚުޠުބާގައި އަދި ދީނީ ވަޢުޒުތަކުގައި އެކަމަށް ބާރުއަޅައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.