ENGLISH
22 އޭޕްރީލު 2025
ކުރީ ސަރުކާރުތަކުން ޑޮލަރު މައްސަލަ ޙައްލުނުކުރުމުން ގެއްލުންވީ ރައްޔިތުންނަށް، ފައިދާވީ ކަޅުބާޒާރަށް: ސަޢީދު
15 ފެބްރުއަރީ 2025
|
އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ރައީސް އޮފީސް
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދިވެހިރާއްޖޭގެ ބޭންކުތަކަށް އެ ފައިސާ ޖަމާކޮށް މާރުކުރަމުން ނުދިއުމުގެ މައްސަލައަކީ ކުރީ ސަރުކާރުތަކުގައި އެކަމަކަށް އަޅައިނުލެވި އޮތް މައްސަަލަައެއްކަމަށާއި، އެކަމުގެ ސަބަބުން އަނިޔާ ލިބުނީ ދިވެހި އާދައިގެ ރައްޔިތުންނަށް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޢާއްމު ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ބޭނުންް ސުވާލެއްކުރުމަށް ފުރުޞަތު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމުތަކުގެ ތެރެއިން މިރޭ ބޭއްވި ފޯރަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަަޒީރު ޠާރިޤު އިބްރާހީމާ ބޭފުޅަކު ކުރެއްވި ސުވާލަކަށް އިތުރު ބައެއް ތަފުޞީލު ދެއްވަމުން ސަޢީދު ވިދާޅުވީ ޑޮލަރުގެ މައްސަލައަކީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ މާ ކުރިއްސުރެ އޮތް މައްސަލައެއް ކަމަށެވެ.
ސަޢީދު އިތުރަށް ވިދާޅުވީ އެތައް ޒަމާނަކަށް މައްސަލަ ދިގުލައިގެން ދިޔައިރު ކުރީގެ އެއްވެސް ސަރުކާރަކުން ސީދާ މައްސަލައާ ކުރިމަތިލައި، އެ މައްސަލައިގެ ތެރެއަށް ވަދެ ޙައްލުކުރަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިހުރިހާ މައްސަލައެއްވެސް މިދިޔަ ގާތްގަނޑަކަށް އައު ޤާނޫނުއަސާސީ ފާސްވެގެން މިދިޔަ ދުވަސްތަކުގައިވެސް އަދި އޭގެ މާކުރިންވެސް ރާއްޖޭގެ މިދިޔަ ހުރިހާ ވެރިކަމެއްގައި މި މައްސަލަ އޮތް. އެހެންނަމަވެސް މި މައްސަލައާ ސީދާ ޑީލުކުރައްވައި އެ މައްސަލައިގެ ތެެރެއަށް ވަދެ އެ މައްސަލަ ޙައްލުކުރާކަށް، އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރޭ.،" ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް ފާއިތުވި އެއްވެސް ސަރުކާރަކުން މަސައްކަތްނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބުނީ ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެ ގެއްލުމުގެ މިސާލެއްގެ ގޮތުގައި ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، ވިޔަފާރިވެރިންނަށް އެކަމުގެ ގިލަންވެރިކަން އިޙުސާސްކުރަންޖެހުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަދި ދިވެހި އިޤުތިޞާދަށް ޑޮލަރުގެ މައްސަލައިން ގެއްލުންތައް ލިބެމުންދިޔައިރު އެކަމުގެ ފައިދާ ނަގަމުންދިޔައީ ބްލެކް މާކެޓުގައި ޑޮލަރު ވިއްކަމުން އައި ފަރާތްތަކުން ކަމަށެވެ.
"އެ މައްސަލަ އޮތް. އެ މައްސަލައާ އެއްކޮށް ކުރިއަށްދިޔައީ، ކުރިއަށް ދިޔައިރު އެއިން ހާނީއްކަވީ ރާއްޖޭގެ އިޤުތިޞާދަށް އަދި ދިވެހި ރައްޔިތުންނަށް އިނގޭތޯ؟ އެތައް ހާސް ދިވެހި ރައްޔިތުންނަށް (އެއަނިޔާ ލިބުނީ) އެތައް ކިޔަވާކުދިންނެއް، މެޑިކަލް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތައް، އަދި ބޭރު ފައިސާއަށް ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކެއް. އޭގެ ފައިދާ ނަގަމުންދިޔައީ ޕެރަލެލް މާކެޓުގައި ހިންގަމުންދިޔަ އޮޕަރޭޝަންތަކުން،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު ރައީސް ގެންދަވަނީ ވަރަށް އުދަގޫ ކަންކަމާ ކުރިމަތިލައްވައި އެއިން އެއްވެސް ކަމެއް ފަަސްނުކުރައްވައި ރައްޔިތުންނާ ޙަވާލުކުރެއްވި ޒިންމާ އަދާކުރައްވަމުން ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައަކީ އެފަދަ ދަތި މައްސަލައެއް ނަމަވެސް ޓޫރިޒަމް ޞިނާޢަތުގެ އެއްބާރުލުމާއެކު އެ މައްސަލަ ޙައްލުކުރެއްވުމުގެ މަސައްކަތް މިހާރު ރައީސް ކުރައްވަމުންދާކަން ސަޢީދު ފާހަގަކުރެއްވިއެވެ.
"ޑޮލަރުގެ މައްސަލާގައި ވަރަށް ދަތި މައްސަލައަކާ އެމަނިކުފާނު ކުރިމަތިލެއްވީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު އެދަނީ އެ މައްސަލަ ޙައްލުވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ ޙައްލުކުރަމުންދާއިރު ސަރުކާރާއެކު ވިޔަފާރިތަކާއި ޓޫރިޒަމް ޞިނާޢަތުން ދައްކަވަންޖެހޭ ވާހަކަތައް ހުންނާނެ ކަމަށާއި، ސަރުކާރާއެކު މަޝްވަރާކޮށް ރަނގަޅުކުރައްވަންޖެހޭ ކަންކަންވެސް ހުންނާނެކަަން ފާހަގަކުރައްވަމުން، އެކަންވެސް ރައީސް ކުރައްވަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރު ސަޢީދު ދެއްވިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމާއެކު، އަންނަ ރަމަޟާން މަހުގައި ޢުމްރާއަށް ދާ ކޮންމެ މީހަކަށް 1،500 ޑޮލަރު ޑެބިޓު ކާޑު ލިމިޓުގެ ގޮތުގައި ހަމަޖައްސަވން ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހުރިހާ ކްރެޑިޓު ކާޑެއްގެ ލިމިޓު ބޮޑުކުރެއްވުމާއި، ރާއްޖެއިން ބޭރަށް ފުރާއިރު އެއާޕޯޓުން ލިބޭ 500 ޑޮލަރު 1،000 ޑޮލަރަށް ބޮޑުކުރައްވާނެކަން ރައީސް އިޢުލާނުކުރައްވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ޑޮލަރު މާރުކުރުވުމުގެ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
އަދި ބޭރުފައިސާގެ ޤާނޫނާ އެއްގޮތަށް ރާއްޖޭގެ ރިސޯޓުތަކާއި އެހެނިހެން ޓޫރިސްޓު ވިޔަފާރިތަކުން ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަމުންދާނެކަމާއި، އެކަމުން އިޤުތިޞާދަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.