ENGLISH
10 އޭޕްރީލު 2025
ޤައުމީ ކްރިކެޓް މުބާރާތް: ފައިނަލުގެ ދެވަނަ ޖާގަ މިލާން ކްރިކެޓް އެކަޑެމީ އަށް
15 ފެބްރުއަރީ 2025
|
އެމްއެސް ހެލްޕިންގ ހޭންޑްސްގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު މިލާން ކްރިކެޓް އެކަޑެމީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެމްއެމް
މިހާރު ކުރިއަށްދާ ޤައުމީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެމްއެސް ހެލްޕިންގ ހޭންޑްސް ސްޕޯޓްސް އެކަޑެމީ ބަލިކޮށް، މިލާން ކްރިކެޓް އެކަޑެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުން މިލާން ކްރިކެޓް އެކަޑެމީ މޮޅުވީ 73 ލަނޑުންނެވެ.
އެކުވެނި ކްރިކެޓް ގްރައުންޑްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އެމްއެސް ހެލްޕިންގ ހޭންޑްސް އިން ގަސްދުކުރީ ހޮވަން އަރާށެވެ. މިލާން ކްރިކެޓް އެކަޑެމީން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 257 ލަނޑުހެދިއެވެ.
ފުރަތަމަ އިނިންގްސްގައި މިލާން ކްރިކެޓް އެކަޑެމީގެ ކެޕްޓަން، ޔޫސުފް އަޒްޔާން ސައްތައެއް ހެދިއެވެ. ޤައުމީ ކްރިކެޓް ޓީމުގެ ވެސް ކެޕްޓަންކަން ކުރަމުންއަންނަ އަޒްޔާން ވަނީ 111 ބޯޅައިން 123 ލަނޑު ހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި ވަނީ 16 ފަހަރު ހަތަރަކަށް ޖަހައި، ފަސް ފަހަރު ހަޔަކަށް ޖަހައިފައެވެ.
އެމްއެސް ހެލްޕިންގ ހޭންޑްސް އިން އެންމެ ރަނގަޅަށް އުކީ ފަސް ވިކެޓް ނެގި ތަރޫޝާ ކަވިންދާ އެވެ.
ޖަވާބުގައި އެމްއެސް ހެލްޕިންގ ހޭންޑްސް ކުޅެން އަރައި، 45.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 184 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑު ހެދި ލަހީރޫ ސަންދުރުވާން އެވެ.
މި އިނިންގްސްގައި މިލާން ކްރިކެޓް އެކަޑެމީގެ އަމީލް އަހުމަދު މައުރޫފް ތިން ވިކެޓް ނެގިއިރު، އިބްރާހިމް ނަޝާތު އާއި އިބްރާހިމް ރިޒާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑެމީގެ ކެޕްޓަން، އަޒްޔާން އެވެ.
މި މުބާރާތުގެ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސީބީއެލް ސްޕޯޓްސް ނުކުންނާނީ މިލާން ކްރިކެޓް އެކަޑެމީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ އެ ދުވަހުގެ ހެނދުނު 7:45 ގައެވެ.