ENGLISH

22 އޭޕްރީލު 2025

Advertisement

އެމްޓީސީސީއަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 84.2 މިލިއަން ރުފިޔާ

15 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 84.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.  

އެމްޓީސީސީން އިއްޔެ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓަރެއްގެ އާމްދަނީއާއި ޚަރަދަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 84.2 މިލިއަން ރުފިޔާ ލިބިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.

ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 151.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ވަނީ 5.2 މިލިއަން ރުފިޔާގެ ފައިދާވެފައެވެ. އެކަމަކު ޖެހިގެން އަދި ދެ ކުއާޓަރުގައި، 72.3 މިލިއަން ރުފިޔާ ގެއްލުންވިއެވެ.

މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު އެމްޓީސީސީއަށް ވަނީ 2.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނައިން އެކުންފުންޏަށް އާމްދަނީ ލިބުނީ ފުރަތަމަ ކުއާޓަރުގައެވެ. އެއީ 666.4 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރުގައި 497.4 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި 587.1 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީއަށް ލިބުނު އާމްދަނީއަކީ 418.2 މިލިއަން ރުފިޔާއެވެ.

ހިންގުމުގެ ޚަރަދަށް ބަލާއިރު، މާކެޓިން ޚަރަދާއި، އިދާރީ ޚަރަދުގެ އިތުރުން މުސާރައާއި އެހެނިހެން ޚަރަދުތައް ކެނޑުމަށްފަހު، މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 211.22 މިލިއަން ރުފިޔާ ލިބިފައެވެ. ހިންގުމުގެ ޚަރަދުގެ ތެރެއިން މިދިޔަ އަހަރު އެކުންފުންޏަށް ގެއްލުންވީ ހަމައެކަނި ދެވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި 20.77 މިލިއަން ރުފިޔާ ގެއްލުންވިއިރު، ހިންގުމުގެ ޚަރަދަށްފަހު އަނެއް ތިން ކުއާޓަރުގައި 231.99 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އާއްމުކުރިއިރު، އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން މާލޭގެ ރަސްމީ ފާލަމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ ޓެކްސީ ލައިން ތަޢާރަފްކުރުމުގެ މަސައްކަތްވެސް ކުރާނީ އެމްޓީސީސީންނެވެ. އަދި އަތޮޅު ތެރޭގައި ބަނދަރު ހެދުމާއި، ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަޝްރޫޢުތައް ފަދަ މުހިއްމު ގިނަގުނަ މަޝްރޫޢުތަކެއް އެ ކުންފުނިން ގެންދަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު