ENGLISH
22 އޭޕްރީލު 2025
ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓުތަކާ މިފްކޯއިން ހަވާލުވެއްޖެ
15 ފެބްރުއަރީ 2025
|
ފެނަކައިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް މިހާރު ވަނީ މިފްކޯއާއި ހަވާލުކުރައްވާފަ (ފޮޓޯ/ މިފްކޯ)
ފެނަކައިގެ ދަށުން ހިންގަމުންދިޔަ އައިސް ޕްލާންޓުތަކާއި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
މިފްކޯއިން މީގެކުރިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް، ސަރުކާރުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ޚިދުމަތް ދޭ ކުންފުނި، ފެނަކައާއި ކުރީ ސަރުކާރުން ހަވާލުކުރެއްވީ 2022 ވަނަ އަހަރެވެ. އެހެންނަމަވެސް، އޭގެ ފަހުން އެ އައިސްޕްލާންޓުތަކުން މަސްވެރިންނަށް އައިސް ނުލިބި، ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް ބޮޑުވެގެންދިޔައެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިކަން ހައްލުކުރުމަށްޓަކައި މިފްކޯއާއި އެ ތަންތަން އަލުން ހަވާލުކުރެއްވުމަށް ނިންމެވީ މި ސަރުކާރުންނެވެ.
މިފްކޯއިން މިއަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އައިސްޕްލާންޓުތަކާއި ހަވާލުވެ، އެތަންތަން ފުލް އޮޕަރޭޝަނަލް ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިއަރިން ޓީމުތަކުން ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއީ މިފްކޯގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީގެކުރިން ވިދާޅުވީ، ފެނަކައާއި އައިސްޕްލާންޓުތައް ހަވާލުކުރި ފަހުން އެތަންތަނުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. ވަޒީރު އެކަން ސިފަކުރެއްވީ މަސްވެރިންނަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ބޮޑު އިހުމާލެއްގެ ގޮތުގައެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ، ލޮނުފެނުން މަސް ފިނި ކުރާ ސިސްޓަމް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ލޯން ސްކީމެއްވެސް ތަޢާރަފުކުރައްވާފައެވެ. މި ލޯނަށް އެދޭ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރާނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑަކާ އެކު 10 އަހަރު ލިބެ އެވެ.