ENGLISH

22 އޭޕްރީލު 2025

Advertisement

ރޯދައަށް އެސްޓީއޯ ތައްޔާރު؛ ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަވަން ފައްޓަވައިފި

15 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ފިޔާ ކިލޯއެއް 16 ރުފިޔާއަށް އެސްޓީއޯއިން ގެންދަވަނީ ވިއްކަވަމުން، ފޮޓޯ: އަވަސް

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ މުދާ ހެޔޮ އަގުގައި ފޯރުކޮށްދެއްވުމަށް ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ހެޔޮ އަގުގައި ފިޔާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފިއެވެ. 

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން އަންނަަނީ ބާޒާރުގައި މުދަލުގެ އަގަށް އަންނަ ބަދަލުތަކަށް ބައްލަވައި، އަގު އުފުލޭ ތަކެތި ހެޔޮ އަގުގައި ބާޒާރުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

އެގޮތުން ފިޔައާއި އަލުއްވާއި ބިހާއި ކާއްޓާއި ކަނދުރު ފަދަ މުހިއްމު ކާބޯތަކެއްޗާއި މޭވާއާއި ޕްރޮސެސްޑް ކާނާއާއި ކެއްކުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތި ވީހާވެސް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. 

އެސްޓީއޯއިން ވިދާޅުވެފައިވަނީ ބާޒާރުގައި މިފަދަ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ޤަވާޢިދުން ބައްލަވައި، އެއްވެސް މުދަލެއްގެ އަގު އުފުލޭނަމަ އެކަމަށް އަވަސް ޙައްލެއް ހޯއްދެވުމަށް މެދުނުކެނޑި މަސައްކަތްކުރައްވަމުންދާ ކަމަށެވެ. 

އެސްޓީއޯއިން ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަވަން ނިންމަވާފައިވާއިރު މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ. އެސްޓޯއޯއިންވަނީ 25 ކިލޯގެ ފިޔާ ބަސްތާއެއް 350 ރުފިޔާއަށް ވިއްކަވަން ނިންމަވާފައެވެ. އަދި ދިހަ ބަސްތާއަށްވުރެ ގިނައިން ގަންނަ ފަރާތްތަކަށް ބަސްތާއެއް 340 ރުފިޔާގެ މަގުން ވިއްކަވާނެ ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ. 

އެސްޓީއޯއިން ހެޔޮ އަގުގައި މިހާރު ފިޔާ ވިއްކަވަން ފައްޓަވާފައިވާއިރު، އެ ކުންފުނިން ވިދާޅުވި ގޮތުގައި ކުރިއާލައި ހެޔޮ އަގުގައި ފިޔާ ވިއްކަވަން ފެއްޓެވީ ރަމަޟާން މަހުގައި ފިޔައަށް ބޭނުންޖެހޭ މިންވަރު އިތުރުވާނެތީ ކުރިއާލާގައި ބާޒާރުގައި ފިޔައިގެ އަގު ހިފަހެއްޓެވުމުގެ ގޮތުން ކމަަށެވެ. 

ބާޒާރުގައި ކާށީގެ އަގު އުފުލި، ކާއްޓެއް 10 ރުފިޔާއާއިި 20 ރުފިޔާއާ ދެމެދުުގެ އަގެއްގައި ވިއްކަމުން އަންނަނިކޮށް އެސްޓީއޯއިންވަނީ 5 ރުފިޔާއަށް ކާއްޓެއް ވިއްކަވަން ފައްޓަވާފައެވެ. 

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރުވަނީ ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުންނަށް އެއްވެސް ދައްޗެއް ތުރާލެއް ކުރިމަތިނުވާނެހެން ކަންކަން އިންތިޒާމުކުރެއްވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. 

އަދި އެކަމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ކުރައްވާ މަސައްކަތް ވަރަށް ކައިރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު