ENGLISH

22 އޭޕްރީލު 2025

Advertisement

"ރޯދަ ސާފު" ޙަރަކާތް މިއަދު މާލޭގައި

15 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މި ފެށޭ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ސާފުކުރުމަށް "ރޯދަ ސާފު"ގެ ނަމުގައި ޚާއްޞަ މަސައްކަތެއް މިއަދު ފަށައިފިއެވެ. 

މި ޙަރަކާތް ފަައްޓަވާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައެވެ. މި ޙަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގިނަ ޢަދަދެއްގެ މުއައްސާސާތަކުން ބައިވެރިވެވަޑައިގެން، އެތައް ސަތޭކަ ބަޔަކު މި މަސައްކަތަށް އެއްވުމަކީ، ދިވެހިންގެ މެދުގައި އިޖުތިމާޢީ ގުޅުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

މި ޙަރަކާތާއި ގުޅިގެން މިނިސްޓަރ އާދަމް ޝަރީފް ޢުމަރް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި ކުނި އަޅަން ޚާއްޞަކޮށްފައިވާ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. ހަމައެހެންމެ ސާފުތާހިރު ކަމަކީ ފަރުދީ ޒިންމާއެއްކަން މިނިސްޓަރުގެ ޕޯސްޓުގައި ހަނދާންކޮށްދެއްވިއެވެ. 

އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖްއިން އިސްވެ ގޮވައިލެއްވި ގޮވައިލެއްވުމަށް ބޮޑު އިޖާބައެއް ދެއްވައި އެތައް ސަތޭކަ ބަޔަކު، މި ޙަރަކާތުގައި ބައިވެރިވެދެއްވި ކަމަށް ޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައިއާއި އަދި ވަޒީރުގެ އަމިއްލަ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައިވެއެވެ.

މިއަދު ހެނދުނު 06:30 އިން 11:00 އަށް ކުރިޔަށްގެންދިޔަ މި ޙަރަކާތުގައި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން 800 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ޙަރަކާތުގައި މާލޭގެ 5 ސަރަހައްދެއްވަނީ ސާފުކޮށްފައެވެ. އެއީ އާޓިފިޝަލް ބީޗް ސަރަޙައްދާއި އުސްފަސްގަނޑު ހިމެނޭ ސަރަޙައްދާއި އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަޙައްދާއި ޕޯރޓްސް ލިމިޓެޑް ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނަގައިގެން "ރޯދަ ސާފު" ގެ ނަމުގައި ބާއްވާ މި ޙަރަކާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އެމް.އެން.ޑީ.އެފް އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު