ENGLISH
22 އޭޕްރީލު 2025
ސަލްޓަން ޕާކާ ގުޅޭ ގޮތުން ރައީސް ޕޯސްޓުކުރެއްވުމާއެކު ޕާކު މަރާމާތުކުރާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި
15 ފެބްރުއަރީ 2025
|
ސަލްޓަން ޕާކު ވީރާނާވަމުންދިޔައިރު އެތަން އޮތީ މަރާމާތުނުކޮށް މަރާމާތަށް ކަމަށް ބުނެ ބަންދުކޮށްފައި، ފޮޓޯ: އަވަސް
ސަލްޓަން ޕާކު މަރާމާތުކުރުމަށް ކަމުގައި ވިދާޅުވެ ޕާކު ބަންދުކުރައްވާފައިވާތާ 8 މަސް ދުވަސްވީއިރު އެއްވެސް މަސައްކަތެއް ނުކޮށް އޮތުމަށްފަހު، އިއްޔެ އެ ޕާކާއި ރަސްފަންނުގެ ޙާލަތާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ޕޯސްޓެއް ކުރެއްވުމާއެކު، މިއަދު އެ ޕާކު މަރާމާތުކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާނުކުރައްވައިފިއެވެ.
އިއްޔެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެމަނިކުފާނު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން މާލޭގައި ތަރައްޤީކުރެއްވި ސަލްޓަން ޕާކާއި ރަސްފަންނުގެ ޙާލަތު ފެނިވަޑައިގެން ކަންބޮޑުވުން ފާޅުކުރެއްްވިއެވެ.
އެމަނިކުފާނު އިއްޔެ ހެނދުނު ރަސްފަންނާއި ސަލްޓަން ޕާކަށް ކުރެއްވި ޒިޔާރަތަށްފަހު އެ ދެ ތަނުގެ ޙާލަތު ފެނިވަޑައިގެން ވިދާޅުވީ އެ ތަންތަން ވީރާނާވެފައިވާ މިންވަރު ފެނިވަޑައިގެން އެކަމާމެދު ހިތާމަކުރައްވާ ކަމަށެވެ.
ތޮށްޖެހި ކާރުބާރު ބޮޑުވެފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ދެ ތަނުން ނުހަނު ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ އިޢާދަކުރައްވާނެ ކަމަށެވެ.
އަދި އެތަން ކުރިން ހުރި ޙާލަތަށްވުރެ ރަނގަޅު ޙާލަަތަކަށް ގެންދެވުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އަށް މަސްކުރިން މާލޭ ސިޓީ ކައުންސިލުން ސަލްޓަން ޕާކު ބަންދުކުރެެއްވީ އެތަނުގެ މަރާމާތަށް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ފާއިތުވެގެންދިޔަ އަށް މަހުގެ ތެރޭގައި އެތަނުގައި މާރާމާތުގެ އެއްވެސް މަސައްކަތެއް ކައުންސިލުން ކުރައްވާފައި ނެތެވެ.
ނަމަވެސް ޕާކާއި ރަސްފަންނުގެ ޙާލަތާމެދު ރައީސް ޑރ.މުޢިއްޒު ކަންބޮޑުވުން ފާޅުކުރެއްވުމާއެކު މިއަދު ކައުންސިލުންވަނީ ސަލްޓަން ޕާކު މަރާމާތުކުރަން ބޭނުންވާތީ އެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވައި އެކަން އިޢުލާނުކުރައްވާފައެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު 24 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމަށް މިއަދު ސިޓީ ކައުންސިލުން ހުޅުވައިލައްވާފައިވެއެވެ.
ސިޓީތަކާއި ރަށްތަކުގައި ހުންނަ މައިޒާންތަކާއި ބަގީޗާތަކާއި ފަންނުތައް ބަލަހައްޓައި އެތަންތަން މަރާމާތުކޮށް ހެދުމަކީ އެ ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ރަސްފަންނާއި ސަލްޓަން ޕާކުގެ އިތުރަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޕާކުތަކާއި މައިޒާންތައް ރަނގަޅަށް ނުބެލެހެއްޓި އެތަންތަން ވީރާނާވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.