ENGLISH

22 އޭޕްރީލު 2025

Advertisement

ޖަނަވަރީގައި ޓޫރިޒަމުން ދައުލަތަށް 95 މިލިއަން ޑޮލަރުގެ އާމްދަނީއެއް، %11 އިތުރު

15 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް، ފޮޓޯ: އަވަސް

މި އަހަރުގެ ފުރަތަމަ މަހުގައި ޓޫރިޒަމް ދާއިރާއިން 95 މިލިއަން ޑޮލަރާ ގާތްކުރާ ޢަދަދެއް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން ޢާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުގައި ގްރީން ޓެކުހުގެ ގޮތުގއި 7.04 މިލިއަން ޑޮލަރު އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި 69.1 މިލިއަން ޑޮލަރު ލިބުނެވެ. 

މި ޢަދަދުތަކަށް ބަލާއިރު ޓީޖީއެސްޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުން ލިބުނު އާމްދަނީ 13 އިންސައްތަ އިތުރުވެފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދިހަ ވަރަކަށް އިންސައްތަ އިތުރުވެފައިވެއެވެ. 

މީރާގެ ހިސާބުތައް ދައްކާ ގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީހުގެ ގޮތުގއި 7.4 މިލިއަން ޑޮލަރު މި އަހަރު ލިބިފައިވާއިރު އެއީ ނިމުނު އަހަރު ލިބުނު 6.6 މިލިއަން ޑޮލަރަށްވުރެ 12.1 އިންސައްތަ އިތުރު ޢަދަދެކެވެ. 

ފަތުރުވެރިކަމުގެ ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި މި އަހަރު 4.2 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރުގެ ޖަނަވަރީގައި 4.9 މިލިއަން ޑޮލަރު ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބިފައިވާތީ، އެއީ 14 އިންސައްތަ ދަށް ޢަދަދެކެވެ. 

ޑިޕާޗާ ޓެކުހުގެ ގޮތުގައި ފާއިތުވި ޖަނަވަރީގައި 7.3 މިލިއަން ޑޮލަރު ލިބުނުއިރު ފާއިތުވި އަހަރުގެ ޖަނަވަރީގައި ލިބުނީ 6.4 މިލިއަން ޑޮލަރެވެ. 

ޖުމްލަކޮށް ޓޫރިޒަމާ ގުޅުންހުރި ޓެކްސްތަކާއި ޓެކުހަށްނުވާ ފީތަކާއި އެހެނިހެން ގޮތްގޮތުން ޖުމްލަ 95 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ ޑޮލަރުން ދައުލަތަށް އެމަހު ލިބުނު 125 މިލިއަން ޑޮލަރުގެ 76 އިންސައްތައެވެ. އަދި އެއީ ނިމުނު އަހަަރުގެ ޖަނަވަރީގައި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 11 އިންސައްތަ އިތުރު ޢަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު