ENGLISH

11 އޭޕްރީލު 2025

Advertisement

މުސިއާލާ، ބަޔާންގެ ކޮންޓްރެކްޓް 2030 ގެ ނިޔަލަށް އާކޮށްފި

15 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މުސިއާލާ (ވ) އާއި ޑޭވީސް: މި ދެ ކުޅުންތެރިން ވެސް ވަނީ ބަޔާން އާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ. --ފޮޓޯ: އޭޕީ

ބަޔާން މިއުނިކްގެ އެޓޭކިންގ މިޑްފީލްޑަރު، ޖަމާލް މުސިއާލާ އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2030 ގެ ނިޔަލަށް އާކޮށްފިއެވެ.

އުމުރުން 21 އަހަރުގެ މުސިއާލާ، ބަޔާންއާ ގުޅުނީ 2019 ވަނަ އަހަރު ޗެލްސީގެ އެކަޑެމީންނެވެ.

ބަޔާންގެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު މުސިއާލާ ބުނީ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފުރަތަމަ ފިޔަވަޅުތައް އެޅީ ބަޔާންގައި ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެ ކުލަބާއެކީ ބޮޑެތި ކާމިޔާބީތައް ހޯދޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މުސިއާލާ ވަނީ ލީގުގެ 18 މެޗުގައި 10 ލަނޑު ޖަހައި، އިތުރު ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި، މުޅިއެކު އޭނާ ވަނީ ހުރިހާ މުބާރާތެއްގައި 30 މެޗުގައި 15 ލަނޑު ޖަހައިފައެވެ.

މުސިއާލާ އިތުރަށް ބުނީ، އޭނާ ބަޔާންގައި ހޭދަކުރި ދުވަސްތަކުގައި އެ ކުލަބުގެ ސަޕޯޓަރުންނާއެކު ވަރަށް ޚާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި ބަޔާންއާ އެކު ހާސިލްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް ބުންޏެވެ. 

އިނގިރޭސި އެކި އުމުރުފުރައިގެ ޤައުމީ ޓީމުތަކަށް ކުޅެފައިވާ މުސިއާލާ އެންމެ ފުރަތަމަ ޖަރުމަންގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2021 ގައެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު ޤައުމީ ޓީމަށް ކުޅުުނު 38 މެޗުގައި ހަތް ލަނޑު ޖަހައިފައެެވެ.

މުސިއާލާ އަކީ، މި ފެބުރުއަރީ މަހުގެ ތެރޭގައި ބަޔާންގެ ކޮންޓްރެކްޓް އައު ކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން، އެ ޓީމުގެ ގޯލްކީޕަރު، މެނުއެލް ނޯޔާ އާއި ކެނެޑާގެ ކެޕްޓަން، އަލްފޮންސޯ ޑޭވީސް ވަނީ އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު