ENGLISH

22 އޭޕްރީލު 2025

Advertisement

ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، 'ވާނުވާ' ބަންދާ ގުޅޭ މަޝްވަރާތަކެއް

15 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޒް ހުސައިން ޝަހީދާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް

ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ރާއްޖޭގެ ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ޚާއްސަ ފޯރަމެއް ބާއްވަވައިފި އެވެ.

ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤުޞަދަކީ، ޕީޖީން ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީޢަތް އަވަސްކުރުމަށްޓަކައި، އެ  ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ. އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ މެދުގައި އޮންނަ 'އޮތޯރިޓީ'ގެ ހައިސިއްޔަތުން އެ އޮފީހަށް ކޮށްދެވެން ހުރި ކަންކަން ދެނެގަތުމަކީ ވެސް މަގްސަދެއްގެ ގޮތުގައި އެ އޮފީހުން ފާހަގަކުރެއްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަންދު ފޯރަމްގައި، ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ގާޒީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ފޯރަމްގައި މަޝްވާރަ ކުރެވުނު ކަންކަމުގެ ތެރޭގައި: 

  •  ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުން
  • މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށް ޝަރީއަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުން.
  • ހެކިން ކޯޓަށް ހާޒިރުކުރުމުގައި ދިމާވާ މައްސަތަކަށް ހައްލު ހޯދުން.
  • ޝަރީއަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ގާނޫނީ މަޝްވަރާ.
  • ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން.
  • މައްސަލަތަކުގެ ލިޔުންތައް ހިއްސާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރުން.

ޕީޖީން ވިދާޅުވީ، ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް މި ފޯރަމްގައި ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން އެކަށީގެންވާ އިންސާނީ ވަސީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފަ އެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޙުސައިން ރިޒާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމުގެ މަގްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބަންދު ފޯރަމްގެ ފުރަތަމަ ބައްދަލުވުމެއް ބޭއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު