ENGLISH
22 އޭޕްރީލު 2025
ޢަރަބި ބަހުން ދިވެއްސަށް ތަރުޖަމާކޮށްފައިވާ ހަތަރު ފޮތެއް ހޯއްދަވަަން އިޢުލާނުކުރައްވައިފި
15 ފެބްރުއަރީ 2025
|
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: އެމްއެމްޓީވީ
ޢަރަބިން ދިވެއްސަށް ހަތަރު ފޮތެއް ތަރުޖަމާކޮށްފައިވާނަމަ މިނިސްޓްރީއަށް ހޯދަން އިޢުލާނުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަރުކާރުގެ ރަސްމީ ގެެޒެޓުގައި ޝާއިޢުކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ޢަރަބި ބަހުން ދިވެއްސަށް ތަރުޖަމާކޮށްފައިވާ ފޮތްތަކެއް ހޯދަން ބޭނުންފުޅުވާ ކަމަށެވެ.
ފޮތް ފޯރުކޮށްދިނުމުގެ ފުރުޞތު ހުޅުވާލައްވާފައިވަނީ އެ އިޢުލާނާއެކު މިނިސްޓްރީން ޢާއްމުކުރެއްވި ލިސްޓެއްގައި ހިމެނޭ ހަތަރު ފޮތް ތަރުމާކުރައްވާފައިވާ ނުވަތަ ތަރުޖަމާކުރައްވަމުންގެންދަވާ ފަރާތްތަކަށެވެ.
އެ ހަތަރު ފޮތަކީ އިސްލާމީ ފިޤުހުގެ ތިން ފޮތަކާއި ކީރިތި ޤުރުއާނުގެ ތަޖުވީދު ޢިލްމާ ބެހޭ އެއް ފޮތެވެ.
މި ފޮތްތައް ތަރުޖަމާކުރައްވާފައިވާ ފަރާތްތަކަކީ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ދީނީ ވަޢުޒު ވިދާޅުވުމުގެ ހުއްދަ އެ ބޭފުޅުންނަށް ދޫކުރައްވާފައިވާ ބޭފުޅުންތަކެއްކަމަށް ވާންވާނެ ކަމުގައި އެ އިޢުލާނުގައި މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީންވަނީ ފޮތްތައް ފޯރުކޮށްދިނުމަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މި މަހުގެ 18 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވައިލައްވާފައެވެ.
އެކަމަށް ޝައުޤުވެރިވާ މީހުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް މިނިސްޓްރީއަށް އައުމަށް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް އެ މިނިސްޓްރީން ފޯރުކޮށްދެއްވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 24 ވަނައަށްވާ ހޯމަދުވަހު 11:40 ގައެވެ.