ENGLISH
22 އޭޕްރީލު 2025
ޚަރަދުތައް %40 ދަށަށް، ބަޖެޓުގެ އަރަނި %45.3 މައްޗަށް
15 ފެބްރުއަރީ 2025
|
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުމާއެކު، ބަޖެޓުގެ އަރަނި ފާއިތުވި އަހަރަށްވުރެ 45.3 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
ހަފުތާއަކު އެއްފަހަރު މާލީ ވުޒާރާއިން ޢާއްމުކުރައްވާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު ހިނގަމުންދާ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.7 ބިލިއަން ރުފިޔާއެވެ. އެއިން 3.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި ޓެކުސް ނޫން ގޮތްގޮތުން 393.5 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ މުއްދަތުގައި ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 16.5 މިލިއަން ރުފިޔާއެވެ.
އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޚަރަދުވި 3.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރު ޚަރަދުވީ ގާތްގަނޑަކަށް 40 އިންސައްތަ މަދުންނެވެ.
ދައުލަތުގެ ޚަރަދުތަަކުގެ ތެރެއިން ރިކަރަންޓު ޚަރަދުތައް 19.9 އިންސައްތަ ދަށްވެފައިވާއިރު، އެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ. އިދާރީ އަދި ހިންގުމުގެ ޚަރަދުތަައް 1.8 ބިލިއަން ރުފިޔާއިން 1.2 ބިލިއަނަށް ތިރިކުރެވިފައިވެއެވެ. ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް ހޭދަވި މިންވަރުވަނީ 34.5 އިންސައްތަ ދަށްވެފައެވެ.
އޭގެ އިތުރަށް ކެޕިޓަލް ޚަރަދުތައްވެސް މި އަހަރުގެ ޖަނަވަރީ އެކަކުން ފެބްރުއަރީ ހަވަނަ ދުވަހާ ހަމައަށް ދަށްކުރެވިފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ކެޕިޓަލް ޚަރަދުތަކަށް ހޭދަވި 787 މިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރު ހޭދަވި 102.5 މިލިއަން ރުފިޔާއަކީ 86 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ އަރަނިވަނީ މަތިވެފައެވެ. ޖުމްލަ އަރަނި ނުވަތަ ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަތައް ހިމަނައިގެން، އާމްދަނީން ޚަރަދު ކެނޑުމުން ބާކީވި ފައިސާއަކީ ނުވަތަ ސާޕްލަސްއަކީ 1.2 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރު ސާޕްލަސް ނުވަތަ އަރަނީގެ ގޮތުގައި ރެކޯޑުކުރެވުނު 886.9 މިލިއަން ރުފިޔާއަށްވުރެ 45.3 އިންސައްތަ އިތުރު ޢަދަދެެކެވެ.