ENGLISH

10 އޭޕްރީލު 2025

Advertisement

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް މުބާރާތުން އީޝަލް ހޯދި ކާމިޔާބީއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

14 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އީޝަލް، ރިހި މެޑެއްޔާއެކު ދިވެހި ދިދަ ހިފައިގެން. --ފޮޓޯ: ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގެ ޖޫނިއާ އަންހެން ކުޅުންތެރިންގެ ބައިން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ހޯދި ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ބެންކޮކްގައި ކުރިއަށްދިޔަ މި އިވެންޓުން ރިހި މެޑެލް ހާސިލްކުރުމުން އީޝަލް އަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. 

"15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައި. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައި،" ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި ވެސް އޭޝިއާ ބައްރުގެ މުބާރާތެއްގައި ފައިނަލަށް ދަތުރުކޮށް، ރިހި މެޑެލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ފައިނަލުގައި އީޝަލް އަތުން ޗައިނީޒް ޓައިޕޭގެ ލިއާއޯ ކެ ރޮންގް މޮޅުވީ ވަރަށް ކުޑަ ތަފާތަކުންނެވެ. 

މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުން އަންނަ އީޝަލް ވަނީ މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ކުރިން ޤައުމީ ރެކޯޑެއް ޤާއިމުކޮށްފައެވެ. 

މިއީ އޭޝިއާ ބައްރުގެ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ އެތުލީޓަކަށް ލިބުނު ފުރަތަމަ މެޑެއްޔެވެ. މި މުބާރާތުގައި މި ބައްރުގެ 23 ޤައުމުން ވާދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު