ENGLISH
22 އޭޕްރީލު 2025
އެސްޓީއޯ އިން ބާޒާރަށް ނެރޭ ކާށި 5 ރުފިޔާއަށް ވިއްކަން ނިންމައިފި
14 ފެބްރުއަރީ 2025
|
އެސްޓީއޯއިން ރާއްޖެ އެތެރެކުރި ކާށި މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގަންނަން ލިބޭނެ.
މި އަހަރުގެ ރަމަޟާން މަހަށް ބޭނުންވާ ތަކެތި ފަސޭހަކަމާއެކު، ހެޔޮ އަގުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ބެޗްގެ ކާށި ޝިޕްމަންޓް ރާއްޖެ އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަން ނިންމައިފިއެވެ.
އެސްޓީއޯއިން މިއަދު އާއްމުކުރި ބަޔާނުގައި ވިދާޅުވީ، އެ ކުންފުނިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ކަމަށާއި، މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަން ފަށާނެ ކަމަށެވެ.
"އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ. އަދި މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެންހުންނާނެއެވެ." އެސްޓީއޯގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އެސްޓީއޯއިން ވިދާޅުވީ، މީގެކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން، އާއްމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް އެ ކުންފުނިން ޤަވާއިދުން ބަލަމުންދާ ކަމަށާ، އަދި އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް އެކަމަށް އަވަސް ހައްލެއް ގެންނަން މަސައްކަތްކުރާ ކަމަށެވެ.
އެސްޓީއޯއިން ރޯދަ މަހު 5 ރުފިޔާއަށް ކާއްޓެއް ވިއްކަން ނިންމިއިރު، މި ވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައިކަމަށް އެސްޓީއޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެސްޓީއޯއިން ވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ އަސާސީ ކާބޯތަކެއްޗާއި، ތާޒާ ތަރުކާރީ އަދި މޭވާގެ އިތުރުން ޕްރޮސެސް ކާނާއާއި ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.
ރޯދަ މަހު ކާބޯތަކެތި ހެޔޮ އަގެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ހަތަރު ކެޓަގަރީގެ ޝިޕްމަންޓްތަކާއެކު ރައްޔިތުންނަށް ހެޔޮ އަގެއްގައި ދަތިކަމެއް ނެތި ރޯދަ މަހު މުދާ ލިބޭނެއެވެ.