ENGLISH

22 އޭޕްރީލު 2025

Advertisement

އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ 2،855 މައްސަލަ މިދިޔަ އަހަރު ހުށަހެޅި

14 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްރަށްވެހިންނަށް ކުރިންގެންދިޔަ ހަރަކާތެއްގެ ތެރެއިން

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ޙަވާލުކޮށްފައިވާ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް މިދިޔަ އަހަރު 2،855 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ އެ ވުޒާރާއަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު ޢާއްމުކުރައްވާފައެވެ.

ޢާއްމުކޮށްފައިވާ ތަފާސްހިސާބުގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1356 މައްސަލަ ހުށަހެޅިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 1499 މައްސަލައެވެ. އެހެންކަމުން މުޅި އަހަރު އެ ވުޒާރާއަށް ހުށަހެޅުނު މައްސަލައިގެ ޖުމްލަ އަދަދަކީ 2،855 އެވެ.

ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 1222 މައްސަލަ ވަނީ ހުށަހެޅިފައެވެ. އޭގެތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ އާއި ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ އަނިޔާގެ 255 މައްސަލަ މިދިޔަ އަހަރު ހުށަހެޅުނުއިރު ޖިސްމާނީ އަނިޔާގެ 238 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 511 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ. އޭގެތެރެއިން 436 މައްސަލައަކީ އަންހެނުންނަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.

އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ 199 މައްސަލަ ވަނީ ހުށަހެޅިފައެވެ. އެ މައްސަލަތަކުގެ ތެރެއިން 159 މައްސަލައަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކެވެ. އަދި ދޮށީ އުމުރުގެ ފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ 40 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެން މައްސަލަތަކަށް ބަލާއިރު ކުޑަކުދިންގެ ޙައްޤަށް އުނިކަން ލިބިގެން މިދިޔަ އަހަރު 53 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި، އިޖުތިމާޢީ ދުޅަހެޔޮކަމާއި ގުޅޭ 14 މައްސަލައެއް މިދިޔަ އަހަރު އެ ވުޒާރާއަށް ވަނީ ހުށަހެޅިފައެވެ.

ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅޭ 211 މައްސަލައެއް އެ ވުޒާރާއަށް ވަނީ ރިޕޯޓްކޮށްފައެވެ.  

ވުޒާރާއަށް ރިޕޯޓްކޮށްފައިވާ އެހެން ބާވަތްތަކުގެ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންގެ އުޅުމާއި ގުޅުންހުރި 237 މައްސަލަ އާއި ޢާއިލީ 359 މައްސަލަ ހިމެނެއެވެ.  

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެ ވުޒާރާގެ ސޯޝަލް ވޯރކަރުން މަސައްކަތްކުރަމުން ކޭސްތަކުގެ އަދަދު މިހާރު މަދުކުރެވިފައިވާ ކަމަށެވެ. އަދި، އާއިލާތަކުގެ ހާލަތު ބެލުމަށް ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން 12،000 އަށް ވުރެ ގިނަ ގޭބިސީތަކަށް އެ ވުޒާރާގެ ޓީމުތަކުން ޒިޔާރަތްކޮށްފައިވާކަމަށް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. އެ ވުޒާރާއިން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ދަށުން މިހާތަނަށް 67 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދީފައިވާނެކަމަށް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ވުޒާރާގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މައްސަލަ ހުށަހަޅާ ފަރާތްތަކަށް މެސެޖެއް ލިބޭގޮތަށް ހަދަން މަސައްކަތްކުރައްވާ ކަމަށާއި އަދި އާއްމު ރައްޔިތުންގެ ފީޑްބެކް ހޯދުމުގެ މަސައްކަތް ވެސް ފައްޓަވާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު