ENGLISH
22 އޭޕްރީލު 2025
މި ވެރިކަމުގައި ބޯހިޔާވަހި ކަމުގެ "ރަންޒަމާނެއް" ފެންނާނެ: މެމްބަރު މުފީދު
14 ފެބްރުއަރީ 2025
|
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވެގެންދާނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑު ހައްލެއް ލިބިގެންދާނެ "ރަންޒަމާނަކަށް" ކަމަށް މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ ދިވެހީން ދިވެހީންގެ ރާއްޖެއަށް ގެންދިއުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ އިޚްލާސްތެރި ތަޢުރީފު ހައްޤު މަސައްކަތްޕުޅެއް ކަމަށެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތު ވެގެންދާނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް. ލޯހުޅުވެގެންދާނީ ރަންޒަމާނަކަށް ކަމަށް އަޅުގަނޑުމެން އުއްމީދު މި ކުރަނީ. އެއީ އެމަނިކުފާނު އެބަ ވިދާޅުވޭ ކޮންމެ ވަޢުދެއް ފުއްދަވާނެ ކަމަށް،" މުފީދު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ވިއަސް އޭގެ ހައްގުވެރިންނަށް ލިބޭކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމަށާއި ލަސްވެގެންދަނީ އެ ސަބަބަށްޓަކައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކަންކަން ކުރަމުންދާނީ އުސޫލާ ހަމަތަކުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނަށް ބަޖެޓުން ކަނޑައަޅާފައިވާ އަދަދަކީ މީގެ ކުރިން ދުވަހަކުވެސް ސަރުކާރަކުން ކަނޑަނާޅާ ބޮޑު އަދަދެއްކަން މުފީދު ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓްތަކާއި ރޯހައުސްތަކުގެ އިތުރުން ގެދޮރުއެޅުމަށް ދޫކުރާ ލޯނުތަކުގެ ސަބަބުން އެ ފައިސާ ދައުރުވެ ގިނަ ބަޔަކަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ.