ENGLISH
22 އޭޕްރީލު 2025
ޝަޢުބާން މަސް: ރަމަޟާން މަހަށް ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް
14 ފެބްރުއަރީ 2025
|
ބަރަކާތްތެރި ރަމަޟާން މަސް ފެށެން މިހާރު މިވަނީ ވަރަށް ކުޑަ ދުވަސް ކޮޅަަކަށްވެފައެވެ. މިއަދުގެ ހުކުރު ޚުުބާގައި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަސް ހެޔޮގުތުގައި ހޭދަކުރުމުގެ މުހިންމު ކަންވަނީ ބަޔާންކޮށްްދެއްވާފައެވެ.
"ޝަޢުބާން މަހު ހެޔޮ ޢަމަަލުކުރުން" މި މަޢުޟޫއަަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން މިއަދުގެ ޚުތުބާގައި ވިދާޅުވީ ޝަޢުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާން މަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައެވެ. މިހާރު މިވޭތުކުރަމުންދާ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއް ކަމާއި، މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ މަހެއްކަން ފާހަގަކުރައްވާ މި މަހުގެ މާތްކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ޙަދީޡެއްގެ މާނައިގައިވެއެވެ. އެކަމަނާވިދާޅުވިއެވެ. " މާތް ނަބިއްޔާ ޝަޢުބާންމަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެމަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅު ހިއްޕަވާފަދައެވެ."
ޝައުބާން މަހު ހެޔޮައަމަލު ކުރުމުގެ މުހިންމުކަން ރަސޫލާގެ ހަޔާތްޕުޅުން ފާހަގަވެއެވެ. އުސާމާ ބިން ރަޟިޔަﷲ ޢަންހުމާ ރަސޫލާ އަރިހުގައި ސުވާލު ދެންނެވިއެވެ. މާނައީ: "އޭ ﷲގެ ރަސޫލާއެވެ! ޝަޢުބާންމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް، އަހަރުގެ އެހެން މައްސަރެއްގައި (ސުންނަތް) ރޯދަފުޅު ހިއްޕަވާތަނެއް ދެކެވަޑައެއް ނުގަންނަވަމެވެ". އެހިނދު އެކަލޭގެފަނު ހަދީޡްކުރެއްވި ބަސްފުޅުގެ މާނައިން ދޭހަވަނީ ޝަޢުބާން މަހަކީ ރަމަޟާންމަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި އެއީ މީސްތަކުން އެމަހަކާ މެދު ޣާފިލުވާ މަހެއް ކަމުގައެވެ. އަދި ޝަޢުބާންމަހަކީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ހަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފެއްލެވޭ މަހެއް ކަމުގައެވެ.
މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްﷲގެ ހަޟްރަތުގައި ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލުތައް ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ އަމަލު ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ޝަޢުބާން މަހާ ގުޅޭގޮތުން ޚުތުބާގައި އިތުރަށް ފާހަގަކުރެއްވީ، ޝަޢުބާން މަހުގެ 15 ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ސައްހަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އެއީ އިތުބާރު ހުރި ބޮޑެތި އިލްމުވެރިން ގަބޫލު ނުކުރައްވައި ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެއް ކަމަށެވެ.
ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދައްކާ ދީލަތިކަން އިތުރުކުރުމަށް ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން ދުރުހެލިވާން ޖެހޭކަމަށެވެ. އަދި ދޮގު ހެދުމާއި، ފުރައްސާރަކުރުމާއި ދުރުހެލިވެ، ފުރިހަމަ ގޮތުގައި ރޯދައަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއްވާކަން ދަނެގަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެެވެ.
ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާނަމަ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ އިރުޝާދު ދެއްވައިފައެވެ. ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލައި، ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވުމަށް ވަނީ އެދިފައެވެ. އަދި ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ހުކުމްތައް އޮޅުންފިލުވައި، ތިމާގެ އަމިއްލަ ނަފުސް އިސްލާމީ ޢިލްމުން މުއްސަނދިކުރުމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.