ENGLISH
07 ޖުލައި 2025
އެސްއީޒެޑް ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ ބިޔަ ޕްރޮޖެކްޓަށް ހުއްދަ ދީފި
14 ފެބްރުއަރީ 2025
|
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ސަރުކާރުން އަންނަނީ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވަމުން
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ ބިޔަ ޕްރޮޖެކްޓް، ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢުއަށް ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދެއްވައިފިއެވެ.
ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލެ އަތޮޅުގެ ފަޅެއްގައެވެ. އެއީ އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މަޝްރޫޢު ނިމޭއިރު އަވިން ހަކަތަ އުފައްދާ ނިޒާމް ބެހެއްޓުމާއެކު ބެޓެރި ސިސްޓަމް އަދި މުޅި ނިޒާމް ރަށްތަކާ ގުޅާލުމުގެ އިންޓަކަނެކްޝަން ވިއުގަ ޤާއިމުކުރާނެއެވެ.
މި ޕްރޮޖެކްޓް ހިންގުމަށް ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް އިކޮނޮމިކް މިނިސްޓްރީން ފުރަތަމަ ހުއްދަ ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ އޭޕްރީލް މަހުގެ ކުރިން ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ނިންމައި، 2027 އަށް މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މަޝްރޫޢުގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ ޚަރަދު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެއެވެ. ހުރިހާ މަސައްކަތަކާއެކު މުޅި މަޝްރޫޢުގެ ޖުމްލަ އަގަކީ 187 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެސްއީޒެޑް ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓް، ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢު 2027 ވަނަ އަހަރަށް ނިންމަވާނެކަމަށް، ރައްޔިތުންގެ މަޖިލީހަށް މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އެ އަމާޒަށް ވާޞިލްވެވިއްޖެނަމަ ކޮންމެ އަހަރަކު ތެލަށްކުރާ ޚަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.
އިޔާދަކުރަނިވި ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.