ENGLISH
22 އޭޕްރީލު 2025
ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކާފަ މަރުވެއްޖެ
14 ފެބްރުއަރީ 2025
|
އިބްރާހީމް ދީދީ
ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތުކުއްޖަކަށް ޖިންސީގޯނާކުރި މައްސަލާގައި 25 އަހަރަށް ޖަލަށްލާފައިވާ އެ ކުއްޖާގެ ކާފަ މިއަދު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ވިދާޅުވެފައިވަނީ ގއ.ކަނޑުހުޅުދޫ، ރިހިވެލި އިބްރާހީމް ދީދީ (67 އަހަރު) މަރުވީ ހުޅުމާލޭ ޖަލުގައި ރޭގެ ވަގުތެއްގައި ކަމަށެވެ. ކަރެކްޝަންސްއިން ވިދާޅުވި ގޮތުގައި ހޭލާ ހުއްޓައި ކުއްލިއަކަށް ވެއްޓި ޙާލު ސީރިއަސްވުމުން މެޑިކަލް ޓީމުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ރޭ ދަންވަރު 2:40 ހާއިރު އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގަައި އޭނާއަށް ފަރުވާދެމުންދަނިކޮށެވެ.
ކަރެކްޝަންސްއިން މަޢުލޫމާތު ދެއްވި ގޮތުގައި އިބްރާހީމް ދީދީއަކީ ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލާއި ޓެރެމާސް ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ކަރެކްޝަންސްއިންވަނީ އޭނާގެ މަރާ ގުޅިގެން ޢާއިލާއާއި ކަމާބެހޭ އިދާރާތަކަށް އެކަން އަންގަވާފައެވެ.
މި މައްސަލާގައި އިބްރާހީމް ދީދީގެ އިތުރަށް އެ ކުއްޖާގެ މުނިކާފަ ޙަސަން މޫސާ ދީދީގެ މައްޗަށް ހުކުމްކުރިއެވެ. އެ ހުކުމް ތަންފީޒުކުރަމުންދަނިކޮށް، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަރުވެފައިވެއެވެ. ޙަސަން މޫސާ ދީދީ މަރުވީ މުސްކުޅި ބަލީގައި އެނދުމަތިވެފައިވަނިކޮށެވެ.
ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ 2020 ވަނަ އަހަރުއެވެ.