ENGLISH

22 އޭޕްރީލު 2025

Advertisement

ޕީއެންސީގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ އޭޕްރީލް 13 ގެ ކުރިން ހުށަހަޅަން އެދިއްޖެ

13 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމާއެކު، ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިންވެސް އިތުރަށް ހަރުދަނާ ކުރުމަށް، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝިޕަށް އެންގެވުމާއެކު، ޕީއެންސީގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ، ހުށަހަޅަން އެ ޕާޓީއިން މިއަދު ހުޅުވާލައިފިއެވެ.

ޕީއެންސީއިން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި އެ ކޮމިޝަނުން ކުރެއްވި އިއުލާނުގެ ސުންގަޑި 2025 ފެބްރުވަރީ 10 ވަނަ ދުވަހުގެ 15:00 އަށް ހަމަވެފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޕާޓީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ "މެމްބަރޝިޕް ޑްރައިވް" އަށްފަހު، ޕާޓީގެ ދަފްތަރާމެދު ބައެއް ޝަކުވާތައް އާއްމުންގެ މެދުގައި ހުރިކަން ޕީއެންސީއަށް ފާހަގަކުރެވިގެން، ޝަކުވާ ހުށަހެޅުމަށް 2025 ޖަނަވަރީ 13 ވަނަ ދުވަހު އާއްމުކޮށް ހުޅުވާލި ކަމަށެވެ. އޭރު ހުށަހެޅި ޝަކުވާތަކާ ގުޅޭގޮތުން ޕާޓީން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕީއެންސީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން، ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީތަކަށް 2025 އޭޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އެފަދަ ޝަކުވާއެއް ހުށަހެޅުއްވުމުން އެފަދަ ޝަކުވާތަކާ މެދު ބަލަންޖެހޭ އެންމެހާ ކަންކަން ޕާޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅަމުންގެންދާނެކަމަށް ޕީއެންސީން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު