ENGLISH

22 އޭޕްރީލު 2025

Advertisement

ސޯޝަލް ސެންޓަރުގައި ތަރައްޤީކޮށްފައިވާ ވެލްނެސް ލައުންޖުގެ ޚިދުމަތް ފަށައިފި

13 ފެބްރުއަރީ 2025

|

ހަސަން އާމިރު

ޒުވާނުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން، ޔޫތު ވެލްނެސް ލައުންޖް ތަރައްޤީކޮށް ޚިދުމަތް ލިބޭގޮތަށް ޒުވާނުންނަށް ހުޅުވާލައިފިއެވެ.

ޒުވާނުންގެ ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތާ ގުޅޭ ވެލްނެސް ލައުންޖަށް ނަން ރީބްރޭންޑްކޮށް، ތަނުގެ އާބާތުރަ ފިލުވައި ޒުވާނުންނަށް ޚިދުމަތް ލިބޭގޮތަށް ހުޅުވާލުމުން ޒުވާނުންނަށް އެތައް ފުރުސަތެެއް ފަހިވެގެންދާނެއެވެ.

ސޯޝަލް ސެންޓަރުގައި ޔޫތު ވެލްނެސް ލައުންޖުގެ ޚިދުމަތް ފެށުމާއެކު، ވަކިވަކި ފަރުދުންނަށް ޞިއްޙީ ސްކްރީނިންއާއި އަމިއްލަ ކޮންސަލްޓޭޝަން އަދި ޞިއްޙަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އެތަނުގައި ކުރިއަށްގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އެތަނުގެ ޚިދުމަތް ޒުވާނުންނަށް މިހާރު ލިބޭނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. ޒުވާނުންގެ ވުޒާރާއިން ވިދާޅުވީ، ކޮންމެ ހަފްތާއަކު އެ ވުޒާރާއަށް ލިބޭ އެޕޮއިންޓްމަންޓްތައް ބަލައިގަނެ އާދީއްތަ ދުވަހު ކޮންސަލްޓޭޝަންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ކޮންސަލްޓޭޝަންގެ ޚިދުމަތް ދެއްވާނީ އެ ވުޒާރާއިން އެކުލަވާލާފައިވާ ދަފްތަރުގައި ހިމެނޭ ފަންނީ ބޭފުޅުންނެވެ.

ޔޫތު ވެލްނެސް ލައުންޖު، ޔޫތު ހެލްތު ކެފޭގެ ނަމުގައި އެންމެ ފުރަތަމަ ޚިދުމަތް ފެށީ 2003 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ޚިދުމަތް ތަރައްޤީނުވެ 2021 ވަނަ އަހަރު އެތަން ހުއްޓުމަކަށް އައެވެ.

މި ސަރުކާރުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން އުފެއްދެވި ވުޒާރާއިން އެތަނުގެ މަސައްކަތް އަލުން ފެށީ، އާ ޚިދުމަތްތަކާއެކުއެވެ. ޔޫތު ވެލްނެސް ލައުންޖުގެ ޚިދުމަތުގެ އިތުރުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެ ވުޒާރާގެ ހެލްތު އެންޑް ވެލްބީންގ ސެކްޝަނުން އަންނަނީ ހިލޭ ކައުންސިލިންގެ ޚިދުމަތް ވެސް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު