ENGLISH
22 އޭޕްރީލު 2025
ގެންނެވި ބަދަލާއެކު މުވައްޒަފުން ބަލަހައްޓަންޖެހޭ ކޭސްތަކުގެ ޢަދަދު މަދުވެއްޖެ
13 ފެބްރުއަރީ 2025
|
ވުޒާރާގެ ބައެއް މަސައްކަތްތަކަށް ގެންނެވި ބަދަލާއެކު މުވައްޒަފުން ބަލަންޖެހޭ ކޭސްތަކުގެ ޢަދަދު މަދުވެއްޖެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރެއްވުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޢާއިލީ ނަޒަރަކުން ބަލައިގެން މަސައްކަތް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ސޯޝަލް ވޯކާސް ބަލަންޖެހޭ ކޭސްތައް 200 އިން 60 ކޭސްއާ ހަމައަށް ގޮސްފަވާކަމަށެވެ. އަދި އުއްމީދަކީ ކުރިޔަށް އޮތް ތަނުގަ އެ ޢަދަދު 30 ކޭހަށް ދަށްކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ދެން އޭގެ އިތުރަށް އަޅުގަނޑުމެންގެ އަތޮޅުތަކުގަ ހުރި ދައުލަތަށް ނެގޭ ކުދިން، ދައުލަތުގެ ބެލުމުގެ ދަށަށް މި ގެންނަންޖެހޭ ކުދިން ބަލަހައްޓަން ޖެހޭ ތަންތަން އިތުރަށް މިނިސްޓްރީއާ ގާތުން މަސައްކަތްކުރުމަށް އަދި އިތުރަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީގެ ސްޓޭޓް ކެއަރ ސާވިސަސް ކިޔާފަ ވަކި ޑިޕާޓްމެންޓެއް ހަދާފަ، އެމީހުން އަތޮޅުތަކުގަ ހުރި ސެންޓާސްއާ ވަރަށް ގާތުން މަސައްކަތްކުރަމުން އެބަދޭ، " - ވަޒީރު ޝިހާމް
ހަމައެއާއެކު ކުޑަކުދިން ބައިތިއްބާ ވަކި މަރުކަޒުތަކާ، ދެ ޖިންސުގެ ކުދިން ބައިތިއްބާ ވަކި މަރުކަޒުތަކާ، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ޤަވާއިދުން އެކަށީގެންވާ ތަމްރީނުތައް ދެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކުދިންގެ ތެރެއިން ސުކޫލު ނިމޭ ކުދިންނަށް ބޭނުންވާ ތަމްރީނުތައް ދީ ވަޒީފާގެ މާހައުލާ ގުޅުވުމުގެ މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރުމުގައި އެކުދިން ޝައުގުވެރިވާ ދާއިރާއަކުން ތަމްރީނުކުރުމަށް ފުރުޞަތު ފަހިކޮށްދެއްވަމުންދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.