ENGLISH

22 އޭޕްރީލު 2025

Advertisement

ސަޢުދީއާއި ރާއްޖޭގެ މެދުގައި ވިޔަފާރިއާ ގުޅޭ އެމްއޯޔޫއަށް ސަޢުދީގެ ވަޒީރުން ރުހުންދީފި

13 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަޢުދީގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ މެދުގައި ވިޔަފާރި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއަށް ރުހުން ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. 

ސަޢުދީ ޢަރަބިއްޔާގެ ބޭރު ވިޔަފާރިއާ ގުޅޭ ޢާންމު އިދާރާއާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ މެދުގައި، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ޤާއިމުކުރެވުނު ފަހުމުނާމާއަށް ރުހުންދެއްވަން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމެވީ މިއަދުއެވެ. 

އެ ނިންމެވުމާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފަހުމުނާމާއިން ޤާއިމުކުރެވޭ ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާންގެ އަމާޒުތައް ޙާޞިލުކުރުމަށް ބާރު ލިއްބައިދޭ ގުޅުމަކަށްވާނެ ކަމަށެވެ. 

އިތުރަށް އެ ވުޒާރާއިން ވިދާޅުވީ މި ގުޅުމުގެ އަމާޒަކީ، ދެ ޤައުމުގެ ލީޑަރުންގެ ތަޞައްވުރާ އެއްގޮތަށް ދެ ޤައުމަށްމެ މަންފާވާނެހެން، ދެ ޤައުމުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުމާއި، އެ ދާއިރާއިން އެއްބާރުލުންދިނުން އިތުރަށް ބަދަހިކުރެއްވުން ކަމަށެވެ. 

ސަޢުދީ ޢަރަބިއްޔާއާއެކު ވިޔަފާރީގެ ދާއިރާއިން ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވާއިރު، ޗައިނާއާއެކު ކުރިން ޤާއިމުކުރެވި ޢަމަލުކުރުން ފަސްކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ގެންދަވަނީ ޢަމަލުކުރައްވަމުންނެވެ. 

އޭގެ އިތުރަށް ތުރުކީއާއެކު ވިޔަފާރީގައި ރާއްޖެއަށް އިސްކަންދިނުމާ ގުޅޭ އެއްބަސްވުމެއް މި ސަރުކާރުން ޤާއިމުކުރައްވާފައިވެއެވެ. އަދި އެފަދަ ވިޔަފާރީގެ އެއްބަސްވުމެއް އިންޑިޔާއާއެކު ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު